ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި ހުޅުވަން ނިންމައިފި

ރާއްޖޭގެ އާ އެމްބަސީއެއް ގަތަރުގައި ހުޅުވަން ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަނިކުފާނު މި އިދާރާ އުފެއްދެވިކަން އިއުލާން ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގަ އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނި ގޮތުގައި، މި އެމްބަސީ އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ތައުލީމީ، ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމެވެ.
އެނގުން މުހިންމު - މީގެ ކުރިން ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ނުހުރެ އެވެ. މެދުއިރުމަތީގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރާ އެންމެ ކައިރިން ރާއްޖޭގެ އެމްބަސީއެއް ހުންނަނީ ޔޫއޭއީގަ އެވެ.
ފާހަގަކޮށްލެވޭ - މިއީ މި ސަރުކާރުން އަލަށް އެމްބަސީއެއް ހުޅުވި ދެ ވަނަ ގައުމެވެ. މީގެ ކުރިން ވަނީ ތުރުކީގައި އެމްބަސީއެއް ހުޅުވައި އެމްބެސެޑަރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރައްވާފަ އެވެ.
ގަތަރާ އެކު، ރާއްޖޭގެ އެމްބަސީތަކާއި ދާއިމީ މިޝަންތަކާއި ކޮންސިއުލޭޓުތައް ހުރި ގައުމުތަކުގެ އަދަދު 20އަށް އަރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ