ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފަށާފައިވާ ޕްރޮގްރާމެއް ކަމަށާއި ޓްރެފިކް މޮނިޓަރުން މަގުމަތީގައި ނަމޫނާ ދައްކާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ސީޕީ ވަނީ ޓްރެފިކް މޮނިޓަރުން މަގުމަތީގައި ނަމޫނާ ދައްކާނެކަމަށް ވިދާޅުވެ، މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަ ދައްކަވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް، އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށިފައިވާ ޕްރޮގްރާމެއް ކަމަށެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަން ފާހަގަކުރައްވަމުން، މިހާތަނަށް 3628 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރެވިފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމް ފެށުނު ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، މިއީ ފުލުހުންނާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީއެއްގެ ގޮތުގައި ފެއްޓެވި ޕްރޮގްރާމެއް ކަމަށެވެ. އޭރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލުކުރެވި، މިއަދު މި ޕްރޮގްރާމް މިވަނީ ކާމިޔާބު ޕްރޮގްރާމަކަށް ވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަގުގައި ދުއްވާ ފަރާތްތަކާއި ހިނގައިބިނގާވާ ހުރިހާ ފަރާތަކަށް އިރުޝާދު ދިނުމާއި، ޒިބްރާކުރޮސިންއިން މަގު ހުރަސްކުރާ ފަރާތްތަކަށް ތަން ދެއްކުމާއި، ސްކޫލްގެ ގޭޓު ކައިރީގައި ޕާކް ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން މިކުދިން ކުރާނެކަންވެސް ކޮމިޝަނަރ ނަވީން ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމަކީ، އިސްނަގައި ރިވެތި ބަހުން މުޢާމަލާތްކޮށް ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށާއި، ބެލެނިވެރިން މިކުދިންނަށް ހިތްވަރު ދެއްވުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، މި ޕްރޮގްރާމް މިހާ ފުރިހަމަކޮށް ބޭއްވުމަށް އެހީތެރިވެދެއްވި ށ. އަތޮޅު ކައުންސިލާއި މިލަންދޫ ކައުންސިލާއި ރައްޔިތުންނަށް، އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓަށް ޝުކުރު ދަންނަވާފައެވެ. އޭގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން މި ޕްރޮގްރާމް ހިންގާ ބަހާތަކަށް، ޚާއްޞަކޮށް މާލެ ސިޓީ ޕޮލިސް، ޓްރެފިކް ޕޮލިސް އަދި އަޕޯ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރަށް ޚާއްސަ ޝުކުރެއް ދަންނަވައި، ސަރުކާރުގެ ވުޒާރާތަކުންނާއި މުއައްސަސާތަކުން ފުލުހުންގެ ޚިދުމަތަށް ދެއްވާ އެއްބާރުލުމަށް ވެސް ޝުކުރުއަދާކުރެއްވިއެވެ.
މިލަންދޫ ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާސިމް ޢަބްދުﷲ، އަޕަނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، މިލަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުލް ޙަލީލް މުޙައްމަދު، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް އަދި މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޢާޠިފްގެ އިތުރުން ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ އިސްވެރިންނާއި މުވައްޒަފުން އަދި މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި ފުވައްމުލަކު ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލައިފި “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީގައި ފަށައިފި ލެގަސީ ފިޓްނަސްއާއި އެފްއީއޭ އެކެޑަމީ ގުޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ