އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލަނީ

އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލުން ފަދަ މުހިންމު އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.'ސަންގު ޓީވީ'ގައި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެންމެ އަވަހަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސްއެއްގައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޕާޓީގެ ރޯޑްމެޕްގައި ހިމަނާފައިވާނެ ކަމަށެވެ. އެ ގޮތުން، އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ މުހިންމު އެއް ބަދަލަކީ މިހާރު އޭނާ ހުންނެވި ޗެއާޕާސަންގެ މަގާމާއި އަބްދުﷲ ޝާހިދު ހުންނެވި ރައީސްކަމުގެ މަގާމު އެއްކޮށްލުމެވެ."އެއް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ މިހާރަކުއެއް ޕާޓީގެ ޗެއާޕާސަނަކާއި ޕާޓީގެ ރައީސެއް ހުރުމުގެ ބޭނުމެއް ނެތޭ. ކޮންމެ ވެސް އެއް މަގާމެއް އޮތީމާ ނިމުނީއޭ. ޕާޓީގެ ރައީސް ކަމަށްވަންޏާ ރައީސް، ޗެއާޕާޝަން ކަމަށްވަންޏާ ޗެއާޕާސަން،" އޭނާ ވިދާޅުވިއެވެ."[މިއީ] އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއް،"ރޭގެ ޕްރޮގްރާމުގައި ފައްޔާޒު ވަނީ އެމްޑީޕީގެ އެތެރޭގައި ކުރިމަތިވާ އެހެން ބައެއް މައްސަލަތަކަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފެކްޝަން ހެދުމުގެ މުހިންމު ކަމެވެ.ފައްޔާޒު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ތެރޭގައި ފެކްޝަން އޮންނަން ޖެހޭނެ ކަމަށާއި އެކި ފިކުރުތަކުގެ ފެކްޝަނާ ނުލައި ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީ ނުހިފެހެއްޓޭނެ ކަމަށެވެ.އޭނާ ވިދާޅުވީ، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންގެ ފިކުރާއި ވިސްނުމާ ތަފާތު "ވަރުގަދަ ބައިތަކެއް" އެމްޑީޕީގެ ތެރޭގައި އޮންނަން ވާނެ ކަމަށެވެ. އެ "ބައިތައް" ނެތިއްޖެ ނަމަ ފައްޔާޒު ވިދާޅުވި ގޮތުގައި ނަތީޖާއަކަށް ވާނީ ޕާޓީގެ ވެސް ހުދުމުހުތާރުކަން ބޮޑުވުން ކަމަށެވެ."މީގެ 5-6 އަހަރުގެ ކުރިއަކުންނެއް އެމްޑީޕީގެ ތެރޭގައި ތި ބުނާ ފެކްޝަނެއް ފެންނާކަށް ނޯންނާނެ. އެއީ އެ އަކަށް ޖާގައެއް ނޯންނާނެ އެއިރަކު. މިހާރު [ފެކްޝަން އުފެދުމުގެ] ޖާގަ އެބައޮތް ބޮޑުކޮށް،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ."އަޅުގަނޑުގެ އުންމީދަކީ ދުވަހަކު ވެސް އެމްޑީޕީ އެ ފެކްޝަން ނޯންނަ ގޮތަކަށް ބަދަލު ނުވުން. އެހެން ނޫނިއްޔާ އެތެރޭގެ ޑިމޮކްރެސީ ނުހިފެހެއްޓޭނެ."މީގެއިތުރުން ވެސް ގިނަ ބަދަލުތަކެއް އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑުވެފަ އެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިއުލާންކުރައްވާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދިފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ