އީސްރާއީލާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އިރާނުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުންވެސް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި ކުރިއަށް ހުރި ވަގުތުތަކުގައި އެ ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ރޭ ހަމަލާދިންތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. އީރާނުން އެ ހަމަލާ ދިނީ އެމެރިކާއިން މި މަހުގެ 21 ވަނަ ދުވަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދުގައެވެ. "ހުރިހާ ކަމެއް ވެސް ކުރިއަށްދާ ގޮތަށް، އެކަން ވާނެ ކަމަށް ހީކޮށް، އިސްރާއީލާއި އީރާނަށް ވެސް ތަހުނިޔާ ދަންނަވަން. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ހިތްވަރާއި ކުޅަދާނަކަން ލިބުމުން." ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ އެއްބަސްވުމަކަށް އާދެއްވިޖެ ކަމަށް ޓްރަމްޕް ވިދާޅުވި ފަހުން އިސްރާއީލުން ހަމަލާއެއް ނުދޭނަމަ އީރާނުން ވެސް ރައްދު ދިނުމުގެ ނިޔަތެއް ނެތް ކަމަށެވެ. ހަމަލާތައް ހުއްޓާލުން 24 ގަޑިއިރުގެ މަރުހަލާތަކަކަށް ބަހާލާފައިވާ ކަމަށާއި އެކަން ފެށޭނީ މިއަދު ޖީއެމްޓީ ގަޑިން ފަތިހު 4:00 (ރާއްޖޭ ގަޑިން ހެނދުނު 9:00) ގައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުން އެ ހިސާބުން ހަމަލާތައް ހުއްޓާލާނެ ކަމަށާއި އޭގެ 12 ގަޑިއިރު ފަހުން އިސްރާއީލުން ވެސް އެއްބަސްވުމަށް އަމަލުކުރަން ފަށައި ހަމަލާތައް ހުއްޓާލާނެ ކަމަށް ޓްރަމްޕު ލިޔުއްވާފައިވެއެވެ. މެދުއިރުމަތީގެ މަޝްރަހު ދިރާސާކުރައްވާ ފަރާތެއް ކަމަށްވާ އުމަރު ރަހުމާނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ އިއުލާން ކުރެއްވުމުގައި ގިނަ ތަފްސީލުތަކެއް މަދެވެ. އޭގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ބުނާ ވާހަކައަށް ފަހު މަޝްވަރާތައް ކުރާނެތޯ ވެސް ހިމެނެއެވެ. އިސްރާއީލުގެ ފަރާތުން ކަމަށް ވިދާޅުވެ ޓްރަމްޕް މީގެކުރިންވެސް ކަންތައްތައް އޮޅުވާލާފައިވާ ކަމަށް ރަހުމާނު ތުހުމަތު ކުރައްވައެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ފުރަތަމަ ހަމަލާ ދިނުމުގެ ގަޑިއެއްހާއިރު ކުރިން ޓްރަމްޕަ ވަނީ ޑިޕްލޮމެސީއަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އިސްރާއީލާއެކު އީރާނަށް ހަމަލާ ދިނުމާމެދު ގޮތެއް ނިންމާނީ ދެ ހަފްތާ ފަހުން ކަމަށް މިދިޔަ ހަފްތާ ޓްރަމްޕް ވިދާޅުވި ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެމެރިކާއިން އީރާނަށް ހަމަލާދިންކަންވެސް ރަހުމާނު ފާހަގަކުރެއްވިއެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ދިޔަ ނަމަވެސް އެންމެ ފަހު ވަގުތުވެސް އިސްރާއީލުގެ ވަރުގަދަ ހަމަލާއެއް އަތުވެދާނެ ކަމަށާއި އޭގެތެރޭގައި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުން އެކަށީގެންވާ ކަމަށްވެސް ރަހުމާން ވިދާޅުވިއެވެ. އިސްރާއީލުން އީރާނާ ދެކޮޅަށް ބޮޑު ހަމަލާއެއް ދިނީ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި، ކުއްލި ގޮތަކަށެވެ. އެތައް ސަތޭކަ ބަޔަކު މަރުވި މި ހަމަލާތަކަކީ "ޕްރީއެމްޕްޓިވް" ހަމަލާތަކެއް ކަމަށާއި އެއީ އެގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަށް އަމާޒުކޮށްފައިވާ ހަމަލާތަކެއް ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ. ފުރަތަމަ ދިން ހަމަލާތަކުގައި އީރާނުގެ އިސް އޮފިޝަލުންތަކެއް ވަނީ މަރާލާފައެވެ. އެ ހަމަލާތަކަކީ ގާނޫނާ ޚިލާފަށް އެއްވެސް ސަބަބެއް ނެތި ދިން ހަމަލާތަކެއް ކަމަށް ބުނެ އީރާނުން ވަނީ އިސްރާއީލުގެ އެ ހަމަލާތަކުގެ ރައްދު ދީފައެވެ. އިސްރާއީލާއެކު މި މަހުގެ 21 ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ އީރާނުގެ ތިން ނިއުކްލިއާ މަރުކަޒަށް އަމާޒުކޮށް ހަމަލާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ