ތިން މިނިސްޓްރީއެއްގައި ރޯވި ހާދިސާގެ މައުލޫމާތު ދޭން ފުލުހުން ބާއްވަން އުޅުނު ޕްރެސް ކެންސަލްކޮށްފި ތިން މިނިސްޓްރީއެއްގައި ރޯވި ހާދިސާގެ މައުލޫމާތު ދޭން ފުލުހުން ބާއްވަން އުޅުނު ޕްރެސް ކެންސަލްކޮށްފި

މިދިޔަ އަހަރު ފަހުކޮޅު ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާގެ އިތުރުން ޓެރަރިޒަމް މައްސަލައަކާ ގުޅިގެން ފުލުހުން މިއަދު ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
ފުލުހުން މިއަދު 3:45 ގައި ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ އެ ނޫސްވެރިންގެ ބައްދަލުވުން ދެން ބާއްވާނެ ތާރީހެއް ވެސް އިއުލާން ކުރުމަކާއި ނުލަ އެވެ.
މިއަދު ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރިއިރު، މި މައްސަލައިގައި ފުލުހުން މައުލޫމާތު ނުދޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ހާދިސާ ހިނގައިގެން އުޅުނު ދުވަސްވަރު ދިން މައުލޫމާތުގެ އިތުރުން، ތަހުގީގުގެ ހޯދުންތަކެއް ފުލުހުން ހިއްސާނުކުރެ އެވެ.
ފުލުހުން ހިންގާ ތަހުގީގާއި އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ހޯދި ހޯދުންތަކާ ގުޅޭގޮތުން ފާއިތުވި މަސްދުވަސް ތެރޭގައި އަދަދު ގެ އެކި ނޫސްވެރިން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ނުދެ އެވެ.
މިނިސްޓްރީތަކުގައި ރޯވި ހާދިސާގެ މައުލޫމާތުގެ އިތުރުން، މާލޭގައި މި ފަހުން ހިންގި ބޮޑު ޓެރަރިޒަމް އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެ ކަމަށް ބުންޏެވެ. ބެލެވޭ ގޮތުގައި އެއީ މާޗު 10، ގައި މާލޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޓެރަރިޒަމް އޮޕަރޭޝަނާއި ބެހޭ މައުލޫމާތެވެ.
އެ އޮޕަރޭޝަންގައި ތިން މީހަކު ފުލުހުން ހައްޔަރުކުރިއިރު، އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ. އެކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ހައްޔަރު ކުރި މީހުންގެ ވަނަވަރެއް ވެސް ފުލުހުން ހާމަނުކުރެ އެވެ.
ފުލުހުން ހިންގާ ބޮޑެތި ތަހުގީގުތައް ކޮޅެއްގައި ނުޖެހޭ ކަމުގެ ޝަކުވާ ގިނައިރު، މި ތަހުގީގުތަކާ ބެހޭ މައުލޫމާތު ނުދޭތީ ވެސް ފާޑުކިޔުން ބޮޑެވެ. ފުލުހުންނާ ސުވާލުކުރުމުން ތަހުގީގު ކުރިއަށްދާ މައްސަލަތަކެއް ކަމަށް ބުނެ އިތުރު އެއްވެސް މައުލޫމާތެއް ދޭން ވަނީ ދެކޮޅުުހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ