ޔޫމެޓަށް ދައުލަތުން އިތުރަށްދިން 23.2 މިލިއަން ރުފިޔާ ހޯދަންޖެހޭ: އޮޑިޓަރ

ޅ.ކުރެންދޫ ބަނދަރުގެ މައްސަލާގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލެއްގެ ގޮތުގައި އިތުރަށްދީފައިވާ 23.2 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފިއެވެ.
ކުރެންދޫ ބަނދަރު ހެދުމަށް ޔޫމެޓާ ހަވާލުކޮށްފައިވަނިކޮށް އެކަށީގެންވާ ގޮތެއްގައި އެމަސައްކަތް ކުރަމުން ނުދާތީވެ، ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ މާޗްމަހު އެއްބަސްވުން ބާތިލްކޮށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޔޫމެޓުން ވަނީ އެ އަހަރު ސިވިލްކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި ސިވިލްކޯޓުން 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ވަނީ އެއްބަސްވުމުގެ ޖުމްލަ އަގުގެ ތެރެއިން ދައްކާފައިވާ ފައިސާ އުނިކޮށް ބާކީވާ ފައިސާ ނަގައިދިނުމަށް ހުކުމްކޮށްފައެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ ބަދަލުގެ ފައިސާ ނަގައި ނުދެވޭނެކަމަށް ނިންމާފައެވެ. އަދި ފަހުން ސްޕްރީމް ކޯޓުންވެސް ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައި އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫންކަމަށް ނިންމާފައެވެ. ފަހުން މި މައްސަލަ ދެ ފަރާތުން ވަނީ ކޯޓުން ބޭރުގައި ހައްލުކޮށްފައެވެ. ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށް ސަރުކާރުގެ ލަފާދޭ ކޮމިޓީން ވަނީ ޔޫމެޓަށް 26 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިނުމަށް ހުށަހަޅާފައެވެ. އަދި 2023 ވަނަ އަހަަރުގެ އޭޕްރިލްމަހު އޭރުގެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވަނީ ލަފާދޭ ކޮމިޓީން ނިންމި އަދަދު ޔޫމެޓަށް ދިނުމަށް ނިންމާފައެވެ. މި ފައިސާ ޔޫމެޓަށް ދޫކޮށްފައިވަނީ އެއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ ކުރެންދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ ދުވަސްތަކަށް އެންމެ ގިނަވެގެންވެސް ނަގައިދޭންޖެހޭ ގެއްލުމުގެ ބަދަލަކީ 2،772،812 މިލިއަން ރުފިޔާ ކަމަށެވެ. މި މައްސަލާގައި ޔޫމެޓުން އެންމެ ފުރަތަމަ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވަނީ 56.6 މިލިއަން ރުފިޔާ ހޯދަން އެދިފައެވެ. 
ޔޫމެޓް ކުންފުންޏަށް އިތުރަށް ދިން 23.2 މިލިއަން ރުފިޔާ ހޯދުމަށް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވާއިރު، އެ ރިޕޯޓްގައި ވަނީ އެކުންފުންޏަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދޭން ނުޖެހޭ ފައިސާ ދިނުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދުނުމަށް އެދިފައެވެ.
އެމްޑީޕީގެ ސަރުކާރުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެކި ކުންފުނިތަކަށް ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ހުއްޓުވާފައެވެ. އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމަށް ނިންމާފައިވާ 9 ސެޓުލްމަންޓް އެއްބަސްވުމެއް ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ