ގެއްލުމުގެ ބަދަލު ހޯދަން ބައެއް ފަރާތްތަކުން ފޭކު ލިޔުން ހުށަހަޅާ ކަމަށް ނިޔާޒީ ވިދާޅުވެއްޖެ ގެއްލުމުގެ ބަދަލު ހޯދަން ބައެއް ފަރާތްތަކުން ފޭކު ލިޔުން ހުށަހަޅާ ކަމަށް ނިޔާޒީ ވިދާޅުވެއްޖެ

ދައުލަތާ ދެކޮޅަށް ހުށަހަަޅާފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި، ފޭކު ލިޔެކިޔުންތައް ހުށަހަޅާފައި ހުރި ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިޔާޒީ، ވަކި މައްސަލައެއް ނަން ނުގަނެ، ވިދާޅުވީ ބަދަލު ހޯދަން ހުށަހަޅާފައިވާ ހަތަރު މައްސަލައެއް އޮޑިޓު އޮފީހުން ބަލަމުން އަންނައިރު، އޭގެ ތެރޭގައި ފޯޖުކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވޭ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ފޯޖުކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށަހަޅައިގެން އެބަހުރި ތަކެއްޗާއި ހިދުމަތާއި ދައުލަތަށް ފޯރުކޮށްދިން ކަމަށް ދައްކައިގެން އޭތި ކްލެއިމް ކުރަން،" ނިޔާޒީ ވިދާޅުވި އެވެ.
މިއީ ސައްހަ ނޫން ލިޔެކިޔުންތޯ ކަށަވަރު ކުރަން، ބޭންކުތަކުންނާއި އެހެން އިދާރާތަކުން އަސްލު ޑޮކިއުމެންޓްތަކާއި އޭގައި ސޮއިކޮށްފައި ހުރި ކަމަށް ބުނާ މީހުންގެ ބަަސް އޮޑިޓު އޮފީހުން ހޯދި ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. އަދި މި މައްސަލަތަކުގައި އެ އޮފީހަށް ފާހަގަވީ ކަންކަމުގެ އަލީގައި، ބަންޑާރަ ނައިބަށް ވަރަށް ރަނގަޅަށް މި މައްސަލަތައް ދިފާއުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް މައްސަލަތަކުގައި ގޯސްތައް ހުއްޓަސް ބަދަލު ދިނުމަކީ އެ ދޭން ޖެހޭ ހާލަތުގައި ދޭން ޖެހޭ އެއްޗެއް ކަމަށް ނިޔާޒީ ވިދާޅުވި އެވެ. ނަމަވެސް މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ދައްކަން ނުޖެހޭ ވަރުގެ ބޮޑެތި ބަދަލުތަކަކަށް އެދި، އުސޫލުން ބޭރުން ބަދަލު ހޯދަން އުޅުމެވެ. އަދި މިކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލު ކުރަން އަމިއްލަ ފަރާތަކުން ވެސް ހޯދާފައި ހުރި ހިދުމަތެއް، އެއީ ދައުލަތުން ފައިސާ ނުދައްކާ ހުރިއްޔާ އެ ދޭން ޖެހޭނެ. އިންސާފުވެރި ބަދަލެއް ދޭން ޖެހެންޏާ ދައުލަތުން ވެސް އެ އޮނާ ކުރަން ޖެހޭނެ. މި ދެންނެވި ކަންކަމުގެ ތެރޭގައި ދައްކަން ނުޖެހޭ ވަރުގެ ބޮޑެތި އަދަދުތައް ހޯދުން އެއީ ހުއްޓުވަން ޖެހޭ ކަންކަމަކީ،" ނިޔާޒީ ވިދާޅުވި އެވެ.
ކޮމިޓީގައި ނިޔާޒީ ވަކި މައްސަލައެއް ފާހަގަނުކުރެއްވި ނަމަވެސް، ސެންޓާ އެންޓަޕްރައިޒަސް ކިޔާ ކުންފުންޏަކުން ބަދަލު ހޯދަން ވަގު ލިޔުމެއް ހުށަހެޅި މައްސަލަ އޮތީ ފެންމަތިވެފަ އެވެ. މިކަން އެނގުނީ އޮޑިޓު އޮފީހުން ކުރި މަސައްކަތުންނެވެ.
ސެންޓާ އެންޓަޕްރައިޒަސްގެ މައްސަލަ ފެންމަތިވީ، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 32 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ވެސް ކުރި ފަހުންނެވެ. ވަގު ލިޔުމުގެ މައްސަލަ ފަޅާއެރި ފަހުން ބަންޑާރަ ނައިބު ވަނީ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ