ރިޔާސީ ޓިކެޓް ނުލިބުމުން ބޮޑާ ހާކާ ދުރަށް ދިޔަ ވަހީދު މުއިއްޒުގެ އެންވޯއިއަކަށް, އެހީ ހޯދާ ދިނުމުގެ ނަމުގަ ކޮންމެ ސަރުކާރެއްގަވެސް އެންވޯއިކަން ބޭނުންވާ ވަހީދަށް މިހާތަނަށް ރާއްޖެއަށް ހޯދާ ދެވުނު އެހީއެއް ފެންނާކަށް ނެތް!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، މއ. ޔުރީކާ، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފިއެވެ. ރައީސް ވަހީދު މިމަގާމަށް އައްޔަން ކޮށްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ވަހީދަށް މުއިއްޒުގެ ސްޕެޝަލް އެންވޯއިކަން ދިނުމަށްފަހު ވަހީދު މިއަދުވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މައްކާ ރޫޓް އިނީޝިއަޓިވްގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން މުއިއްޒު އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒު ވަހީދަށް އެންވޯއިކަން ދީފައިވަނީ, ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެއަށް އެހީ ހޯދާ ދޭނެކަމަށް ވަހީދު ވިދާޅުވެގެންނެވެ. ރާއްޖެއަށް އެހީ ހޯދާ ދިނުމުގެ ނަމުގައި ފާއިތުވި ކޮންމެ ސަރުކާރެއްގަވެސް އެންވޯއިކަން ހޯއްދެވުމަށް ވަހީދުވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ރައީސް ސާލިހުގެ ވެރިކަމުގައިވެސް ރައީސް ސާލިހުގެ އެންވޯއިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ވެއެވެ. އެހެންނަމަވެސް ރައީސް ސާލިހު ވަހީދަށް އެންވޯއިކަން ދެއްވާފައެއް ނުވެއެވެ.
އެއަށްފަހު ވަހީދުވަނީ އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމްގެ އެޑްވައިޒަރުކަން ރައީސް ޔާމިން އަރިހުން އާދޭސް ކޮށްގެން ހޯއްދަވާފައެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި ރިޔާސީ ޓިކެޓް ކަށަވަރު ނުވުމުން ވަހީދުވަނީ ކޯފާ އިސްކުރައްވާ ޕީޕީއެންއިން ވަކިވެފައެވެ. އެއަށްފަހު ވަހީދު ދެން ހޯއްދެވީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ގާސިމް އިބުރާހިމްގެ އެޑްވައިޒަރުކަމެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި ބޮޑު ބައްޔަކުން ގާސިމް ބަލިވުމަށްފަހު, މުއިއްޒުގެ ސަރުކާރުން އެންވޯއިކަން ހޯއްދެވުމަށް ވަހީދު މަސައްކަތް ކުރައްވަމުންދާތާ ދޮޅު އަހަރު ވެގެން ދިއުމަށްފަހު, މިއަދު މުއިއްޒުވަނީ ވަހީދަށް އެންވޯއިކަން ދެއްވާފައެވެ.
ރާއްޖެއިން ބޭރުން ރާއްޖެއަށް އެހީ ހޯދާ ދިނުމުގެ ނަމުގައި ވަހީދު މުއިއްޒުގެ އެންވޯއިކަން ހޯއްދެވި ނަމަވެސް, ވަހީދު ފާހަގަ ވެފައިވަނީ “އެކްސް ޕަޔަރޑް” ޕޮލިޓީޝަނެއްގެ ގޮތުގައެވެ. މިހާރުގެ ސިޔާސީ ވައްޓަފާޅިއަށް ނުފެތޭ, ބުރަހެލި އަބުއި ބޭފުޅެއްގެ ގޮތުގައި ފާހަގަވާ ވަހީދުއަށް މިހާތަނަށް އެއްވެސް ގައުމަކުންވެސް އަދި ބޭރުގެ އިދާރާއަކުންވެސް ރާއްޖެއަށް ހޯދާ ދެވިފައިވާ އެހީތެރިކަމެއް އަދި ފެންނާން ނެތްކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ