އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާނަމަ، އެ ޕާޓީގެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުން މަޖުބޫރުވާނެ
އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ މެމްބަރުން، އެ ޕާޓީގެ އެކެޑަމީން ހިންގާ ޚާއްސަ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުން މަޖުބޫރުކޮށްފިއެވެ. ޕާޓީގެ އެކެޑަމީއެއް އުފައްދައިގެން ޕްރޮގްރާމްތަކެއް ހިންގަން ގަސްދުކުރާ ވާހަކަ އެ ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައިވަނީ، މީގެ ތިން މަސްދުވަސް ކުރިން އުފެއްދި، އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ކޮމިޓީ (އެލްސީއީ ކޮމިޓީ)ގެ ސަބް ކޮމިޓީގެ ރިޕޯޓަށް މެންބަރުންގެ މަޝްވަރާ ހޯދައިފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަނޑައެޅުމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ހުރިހާ މެމްބަރުން ވެސް، އެ ޕާޓީގެ އެކެޑަމީން ހިންގާ ޚާއްސަ އޮންލައިން ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރުވާނެވެ. މައިގަނޑު ގޮތެއްގައި އެ ޕްރޮގްރާމް ބިނާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީއާއި ސިޓީ ކައުންސިލަށް ވާދަކުރާ ހުރިހާ މެމްބަރުންނަށް ޚާއްސަކޮށްގެންނެވެ. އެ ޓްރެއިނިން ޕްރޮގްރާމްގައި މައުލޫމާތުދޭނީ އެ ޕާޓީގެ ފަލްސަފާއާއި އުސޫލުތަކާއި އަދި ލާމަރުކަޒީ ނިޒާމާގުޅޭ ގޮތުންނެވެ. މި ހިނގާ ދައުރުގައި ކައުންސިލަރެއް ނުވަތަ ޑަބްލިއުޑީސީގެ މެންބަރަކަށްވާނަމަ، އެ ފުރިހަމަ ކުރުން ލާޒިމެއް ނޫނެވެ. "އަޅުގަނޑަކަށް ހިޔެއް ނުވޭ މެންޑެޓަރީ ނުކުރަންޏާ އޭގައި ބައިވެރިވާނެ މާ ގިނަ މީހުންނެއް ވާނެ ކަމަކަށް. އަޅުގަނޑުމެން އެ އޮތީ ކޮންމެ މަހެއްގައި ކުރިޔަށް އޮތްތާގައި އެ ޕްރޮގްރާމް ބާއްވާ ގޮތަށް. މި ދެންނެވިހެން އޮންލައިން ޕްރޮގްރާމްތަކެއް. އޭގައި ބައިވެރިނުވެވޭ ބޭފުޅަކު ޕްރައިމަރީއަށް ހޮވިގެން އޭގައި ބައިވެރިވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ" ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް އެ ރިޕޯޓުގައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ޒުވާނުންނަށް 33 ޕަސެންޓު ޚާއްސަކުރަން ވެސް ނިންމައިފައެވެ. އެއީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އަންހެނުންނަށް ވެސް 33 ޕަސެންޓު ޚާއްސަ ކުރުމަށް ނިންމާފައިވެއެވެ. ސަބް ކޮމިޓީގެ ރިޕޯޓާގުޅޭ މައުލޫމާތު ދެއްވަމުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ޒުވާނުންނަށް ޚާއްސަ ކުރެވޭ ބައިން ޕްރައިމަރީ އޮންނާނީ ވަކިން ކަމަށެވެ. އަދި ޒުވާނުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިއަކަށް ކުރިމަތިލާނަމަ، އެކަން އަންގަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލަން ނިންމާފައިވަނީ ސެޕްޓެންބަރު އެއްވަނަ ދުވަހުން ފެށިގެން 15އަށެވެ. އެކަމަށް ޝައުގުވެރިކަން ފާޅުކުރާ މެމްބަރުން ޕޮލިސް ރިޕޯޓު ހުށަހަޅަންޖެހޭނެއެވެ. އެއަށްފަހު އެ 16 ސެޕްޓެންބަރުގައި އެ ލިސްޓު އާންމުކުރާނެއެވެ. 16 ސެޕްޓެންބަރުން 15 އޮކްޓޫބަރުގެ ވެޓިން ޕްރޮސެސްއެއް ކުރިޔަށް ގެންދިއުމަށްފަހު، ޝަރުތު ހަމަވާ މެމްބަރުންގެ ލިސްޓު އާންމުކުރާނެއެވެ. އަދި އޭގެ ތެރެއިން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ލިސްޓު ވެސް އާންމުކުރުމަށް އެ ޕާޓީން ވަނީ ނިންމައިފައެވެ. އެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް އޮތް އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 15 ނޮވެމްބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ