ވީއައިއޭގެ ވީއައިޕީ ޓާމިނަލް ހިންގަން 25 އަހަރަށް ބޭރުގެ ކުންފުންްޏަކަށް ދޭން މަޝްވަރާކުރަނީ

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާ ޖެޓްތަކަށް ހިދުމަތް ދިނުން ހިމެނޭހެން ވީއައިއޭގެ ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' ކިޔާ ކުންފުންޏަކާ ހަވާލުކުރަން މަޝްވަރާ ކުރަން ފަށައިފި އެވެ. 
މިހާރު އެ ހިދުމަތް ދެނީ އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިންނެވެ. 
ވީ ކިހިނެއް؟ - 'ދައުރު'އަށް ލިބިފައިވާ ޖެޓެކްސް ކުންފުނިން އެމްއޭސީއެލްއަށް ފޮނުވައި މިހާރު މަޝްވަރާކުރަމުން އަންނަ ޕްރޮޕޯސަލް ކަރުދާހުގެ ކޮޕީއެއްގައިވާ ގޮތުން:
އެއާޕޯޓުގައި އާ ވީއައިޕީ ޓާމިނަލެއް ހަދައި ހިންގުމަށް ޖެޓެކްސްއަށް އެއާޕޯޓުން 10،000 އަކަފޫޓުގެ ބިމެއް ދޭން ޖެހޭ
އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 25 އަހަރުގެ ތެރޭ 25 މިލިއަން ޑޮލަރު އެ ކުންފުނިން އެއާޕޯޓަށް އިންވެސްޓްކުރަން ޖެހޭ
އެއާޕޯޓުން ޖެކްތަކަށް ދޭ ހުރިހާ ހިދުމަތްތަކެއް ތެޔޮ އެޅުން ހިމެނޭ ގޮތުން ދޭނީ ޖެޓެކްސްއިން އަދި ވީއައިޕީ ޓާމިނަލް ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެ ކުންފުނިން
އެ ހުށަހެޅުމަށް އެމްއޭސީއެލްގެ ބޯޑުން ރުހުންދިންކަން އަދި ކަށަވަރެއް ނޫނެވެ. 
ތަފްސީލް - އެމްއޭސީއެލްއާ އެކު ކުރި މަޝްވަރާތަކަށް ފަހު ޖެޓެކްސްއިން ހުށަހަޅާފައިވާ ފައިނަލް ޕްރޮޕޯސަލްގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ޖެޓެކްސްއިން ވީއައޭގައި ދޭ ހިދުމަތްތަކުން އަހަރަކު ލިބޭ އާމްދަނީގެ %55 އެމްއޭސީއެލްއަށް ދޭން ޖެހެ އެވެ. އަދި އެ އަދަދު 5 މިލިއަން ޑޮލަރަށް ވުރެ ކުޑަވެގެން ނުވާނޭ ކަމަށް ވެސް ޕްރޮޕޯސަލްގައި ހިމަނާފައިވެ އެވެ. 
ހަތް އަހަރު ދުވަސް ތެރޭ ޖެޓެކްސްއަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ވެސް ޕްރޮޕޯސަލްގައި ހިމަނާފައިވާއިރު އެ ޕްރޮޕޯސަލުން ދައްކަނީ: 
ހަތް އަހަރުގެ ޖުމްލަ އާމްދަނީ (ލަފާކުރާ): 65 މިލިއަން ޑޮލަރު 
ހަރަދުގެ ގޮތުގައި ހިނގާނީ (ލަފާކުރާ): 12.4 މިލިއަން ޑޮލަރު
ސާފު ފައިދާ (ލަފާކުރާ): 4.1 މިލިއަން ޑޮލަރު 
ހަތް އަހަރު ދުވަސް ތެރޭ އެެމްއޭސީއެލްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 38.5 މިލިއަން ޑޮލަރެވެ. 
މިހާރު ކުރަމުން އަންނަ މަޝްވަރާތަކުގެ މައުލޫމާތު އެނގިހުރި އެކި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އާ ވީއައިޕީ ޓާމިނަލް ޖެޓެކްސްއަށް ހެދެން ދެން އެ ކުންފުންޏަށް މިހާރުގެ ވީއައިޕީ ޓާމިނަލުން ދެ ފްލޯއެއް ދިނުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ.
މީގެ އިތުރަށް، ޖެޓެކްސްއިން އާ ވީއައިޕީ ޓާމިނަލްއާ އެކު ޖެޓްތައް ޕާކް ކުރާނޭ ރޭމްޕް ހަދަން ދެން މިހާރު ހުރި ރޭމްޕުން 10،000 އަކަފޫޓްގެ ސަރަހައްދެއް އެ ކުންފުންޏަށް ދޭން ޖެހެ އެވެ. އަދި ގުރައުންޑް ހޭންޑްލިންއަށް ބޭނުންވާ ސާމާނު ޖެޓެކްސްއިން ހޯދަން ދެން އެމްއޭސީއެލްއިން މިހާރު ބޭނުންކުރާ އާލާތްތައް ވެސް އެ ކުންފުންޏަށް ދޭން ޖެހެ އެވެ.
އެ މުއާމަލާތާ ގުޅޭ ގޮތުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްއާ ސުވާލުކުރި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އޭނާ ޖަވާބެއް ނުދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ