ގޯތި ދޫކޮށްލަން ޖެހެނީ އަލަށް ލިބޭ ގޯތި އިމާރަތްކޮށް ނިމުމުން: މުއިއްޒު

ގޯތި ދޫކޮށްލަން ޖެހޭ ގޮތް ހަދާނީ އަލަށް ލިބޭ ގޯތި އިމާރަތްކޮށް ނިމުމުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން ފަރިދީ މަގުގައި ސްޓެޓިކް ކުރިމަތީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުހޯދުމުގެ ސަބަބުން މީހުން ދިރިއުޅެނީ 10 ފޫޓު ކޮޓަރިތަކުގައި ކަމަށެވެ. އެގޮތަށް އުޅޭ މީހުންނަށް ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ގޯތި ނުވަތަ ފުލެޓު ލިބުނަސް، އެ މީހުންނަށް މާލެއިން ލިބިފައިވާ ކުޑަ ބިންކޮޅު އަތުލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފައި ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ސަންގުޓީވީން މިރޭ ގެނެސްދިން "އާސްކް މުއިއްޒު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެކަން ކުރުމަށް ރާއްވަވާފައިވާ ގޮތުގެ ތަފުސީލީ މައުލޫމާތު ވިދާޅުވެދެއްވައިފައެވެ.
މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންނަށް އެތަކެއް އަހަރުތަކެއް ފަހުން ގޯތި ލިބޭ އިރު، އެތަނެއް ވަދެވޭނެ ދުވަހެއް އަދި އެ ގޯތީގައި އިމާރާތްކޮށް ނިމޭނެ ދުވަހެއް އެ ރައްޔިތުންނަށް ނޭނގޭ ކަމަށާއި ސަރުކާރުން ދިން ގޯތިތައް އަދިވެސް ހުރީ ކަނޑު އަޑީގައި ކަމަށެވެ. އެހެންކަމުން އެ ގޯތި ތަކުގައި އިމާރާތްކޮށް، ދިރިއުޅެން ނުފެށެނީސް، މާލެއިން ލިބިފައިވާ ގޯތިގެ ތަންކޮޅު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން އޮއްވައި އެއްކަލަ ރަޖިސްޓްރީ ލިބޭ ހިސާބުން ނޫނިއްޔާ ލިޔުން ލިބޭ ހިސާބުން މި ޖެހެނީ ތިންމަސް ނޫނީ އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެއްކަލަ ކުޑަ ބިންކޮޅު ދޫކޮށްލަން. އެއީ ރަނގަޅު ގޮތެއް ނޫނޭ، އެތަން އަހަރެއްވީއޭ ތަނެއް ނުލިބި. އެހެންވީމާ އެތަން ދޫކޮށްލާކަށް ނުޖެހޭނޭ. އެއްކަލަ ގޯތި ލިބި، އެތަނުގެ ގެދޮރު އެޅި، އެ ގޮދަރަށް ވަދެވޭ ވަރު ވީމާ މި ތަންކޮޅު ދޫކޮށްލަންވީ. އޭގެ ކުރިން އެތަން ދޫކޮށްލާކަށް ނުޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އަލަށް ގޯތި ލިބުނު މީހުންގެ ތެރެއިން މާލޭގައި ގޯތި ހުރި މީހުންގެ އަތުން ގޯތި އަތުލަށް ސަރުކާރުން ޝައުގުވެރިނުވާ ކަމަށެވެ. އަދި އެތަންތައް އަތުލުމަކީ އިންސާފެއް ނޫން ކަމަށާއި އެތަންތަން ދޫކޮށްލަންވާނީ އެ ގޭގެ އެހެން މީހުންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން އެގޮތަށް ސަރުކާރަށް ލިބޭ ބިންކޮޅުތައް ވިއްކަނީ ކަމަށާއި އޭގެ ބަދަލުގައި އުސޫލެއްގެ ދަށުން އެ ތަންތަން އެގޭގެ އެހެން މީހުންނަށް ދޭން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ދޭއިރު ސަރުކާރަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެ ހިސާބަށް ދާން ވާނީ އެ މީހާއަށް ލިބުނު ގޯތި ހަދާ އެތަނަށް ވަދެވޭ ވަރު ކޮންމެވެސް ވަރަކަށް އެތަނަށް ވަދެވޭ ވަރުވެގެން. އެއަށްވުރެ މާ އަވަހަށް އެތަން އަތުލާ ގޮތްވެއްޖިއްޔާ މިތަން ވެސް ލިބުނީކީ ނޫން، ވަދެވުނީކީވެސް ނޫން، މިތަން ދުލެއްވެސް ނުކޮށްލެވޭނެ، މިހެންވެފައި މި އޮންނަނީ. އެހެންވީމާ މިހާ ދުވަސް ވަންދެން ގޯތި ގެދޮރު ނުލިބިފައި މި ލިބުނު އުއްމީދުގައި ކުލަ ނުޖެހެނީސް މިހެންވީމަ މީ ދެކޮޅެއް ނުޖެހޭ،" މުއިއްޒު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ހާއްސްކޮށްގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުން، މާލެއިން ލިބިފައިވާ ގޯތި ނުވަތަ ވާރުތަވާ ގޯތި ދޫކޮށްލަން ޖެހެއެވެ. އެގޮތަށް ގޯތި ދޫކޮށްލުމަށް ހައުސިން މިނިސްޓްރީން ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ