ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރުވަން އެމްޓީސީސީން ހައިކޯޓަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދައްކަން ޖެހޭ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ޒައީމް އަދި މިހާރު މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމަކަށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޒިންމާކުރުވުމަށް ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަން ޖެހޭ ދަރަންޏަށް މައުމޫން ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ވަނީ މިދިޔަ މަހު ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން އެމްޓީސީސީން ވަނީ އެ ހުކުމް އިސްތިއުނާފުކުރުމަށް މިދިޔަ ހަފުތާގައި ހައި ކޯޓަށް ހުށަހަޅައިފައެވެ.
އެމްޓީސީސީން ޑީއާރުޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމްޓީސީސީން ވަނީ 1.1 މިލިއަން ރުފިޔާގެ ހިދުމަތް ޑީއާރުޕީއަށް ފޯރުކޮށްދީފައި ކަމަށާއި ނަމަވެސް އެ ޕާޓީން ފައިސާ ދައްކައިފައި ނުވާ ކަމަށެވެ.
ކުރިން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް އެބަހުއްޓެވެ.
ޑީއާރުޕީގެ ކުރީގެ ލީޑާޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި، ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް އެ ޕާޓީގެ ކުރީގެ ޒައީމް މައުމޫނަށް ދައުވާކުރަން އެ ޕާޓީގެ ކައުންސިލުން ވެސް ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ނިންމައިފައެވެ.
ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ 718،438 ރުފިޔާ ދައްކަންޖެހޭ މައްސަލައެއް ވެސް ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ. އެ މައްސަލައިގެ އަޑުއެހުމަކަށް އޭރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަޑައިގެން މައުމޫން ކޯޓަށް ހާޒިރުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ.
ހަބުން ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކަކީ 2008 ވަނަ އަހަރު ޑީއާރުޕީގެ ފަރާތުން މައުމޫން ކެމްޕެއިނަކަށް ވަޑައިގެންނެވުމަށް ލައިޓިން އާއި އިންޖިނިއަރިންގެ ހިދުމަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ