ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތަކުގެ އަގު މިހާރު ހުރީ އަތްނުފޯރާ ހިސާބުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގައުމީ ކެންޑިޑޭޓް މިފަދައިން ވިދާޅުވީ، އަރިއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އއ. މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤާސިމް މާޅޮހަށް ވަޑައިގެންފައިވާއިރު މާޅޮހުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މާޅޮހުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުން ފެށުމުގެ ގޮތުންވަނީ، ރައްޔިތުންގެ ހާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު މާޅޮހު މަޖުދީ އަވަހާރަވުމާ ގުޅިގެން ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަވާ އިހުތިރާމު އަދާކުރައްވާފައެވެ.
ގައުމީ ކެންޑިޑޭޓްވަނީ މަރްޙޫމު މަޖުދީގެ ހިދުމަތްތަކުގެ ޒިކުރާއާކުރައްވާ، މަޖުދީގެ ފުރާނަފުޅަށް ރަހްމަތްލެއްވުން އެދި ދުއާކުރައްވާ، އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
މާޅޮހުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ކެންޑިޑޭޓް ނަމްބަރު ފަހެއް، ޤާސިމް ވިދާޅުވީ، ގައުމުގެ މިއަދުގެ ހާލަތަށް ބަލާއިރު އެންމެ އަސާސީ ޚިދުމަތްތަކުގެ އަގު ރައްޔިތުން އަތްނުފޯރާ މިންވަރަށް އުފުލިފައިވާ ކަމަށާއި، އިޤްތީޞާދު ހީނަރުވެ ދަރަނި ބޮޑުވެ ގައުމު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ.
ޤާސިމް ވިދާޅުވީ މިއީ ރައްޔިތުން ތެދުވެ މި އަނދަވަޅުން އަރައިގަތުމަށް މަސައްކަތް ފަށަންޖެހޭ ދަނޑިވަޅު ކަމަށާއި އެކަން ކާމިޔާބުވާން އޮތީ އިޚްލާސްތެރި ވެރިއެއްގެ އަތުގައި ހިފައިގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިސަރުކާރުން ސިއްހީ މުވައްޒަފުންގެ މުސާރަ ބޮޑުކުރިގޮތުން ބަޔަކު ހީނހީނ ބަލިވާނެ ކަމަށާއި، ބޮޑުމުސާރަ ލިބޭ މަގާމުތައް ކަމަށް ބުނި މަގާމުތަކުގައި މީހަކުނެތް ކަމަށެވެ. ޤާސިމް ވިދާޅުވީ ވެރިކަން ކުރުމުގެ ފާލުން ނެއްޓި ހޫރެންފެށީމާ އަނގުރުއަލިފާނަށް ވެއްޓެންދެން ބަލަން ނުތިބެވޭނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ، ރައްޔިތުންނަށް ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހަޅުއްވާފައިވާނެ ކަމަށާއި އޭގެއިތުރުން ކޮންމެ ރަށަކަށްވެސް އެރަށެއްގެ ރައްޔިތުން އެދޭ އެންމެ މުހިންމު ފަސް ކަމެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ.
ޤާސިމްގެ ވާހަކަފުޅުގައި، ސިއްހީ ޚިދުމަތްރެރިންގެ މުސާރަ ބޮޑުކުރި ގޮތަށް ފާޑުވިދާޅުވިއިރު، އިންތިޚާބާ ދިމާކޮށް އެކަންކުރުމުން ރައްޔިތުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އެކަމަކު ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މީހުން ބުނަމުންދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙަކީ "ރަނުންރަނަށް" ވައުދު ފުއްދަވާ ބޭފުޅެއް ކަމަށެވެ.
ތެދެކެވެ. ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން ނަމަ "ރަނުންރަނަށް" ކަމަށް ބުނެއުޅެނީ ހުރިތަކެތީން ކިރިޔާ ކަމަށް ފޯރާވަރުވީމައެވެ.
އަސާސީ ޚިދުމަތްތަކުގެ އަގު މިހާރު ހުރީ އަތްނުފޯރާ ހިސާބުގައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ