2012 ގައި ވެސް ވެރިކަން ބަދަލުވީ ”ގާޒީ“ އަކާއި އަޅައިގެނެގެން ނޫންތޯ؟: އަބްދުއްރަހީމް

2012 ވަނަ އަހަރުވެސް ވަރަށް ފޯރިއަރުވާ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ދައްކަމުންދިޔައީ ”ވެރިކަން ނުވެއްޓޭނެ“ ކަމުގެ ވާހަކަ ކަމަށާއި އެހެން ނަމަވެސް އޭގެ ދުވަސްތަކެއްފަހުން ވެރިކަން ބަދަލުވެގެން ދިޔައީ ގާޒީއަކާއި އަޅައިގަނެގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް، އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އެ އިޝާރާތް ކުރެއްވި ”ގާޒީ“ އަކީ އަބްދުﷲ ގާޒީއެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީކަމުގައި ހުންނަވަނިކޮށް، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި އޭރުގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. އެހެން ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ. އެއީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހު މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މި ހަފްތާގައި ނިންމާފައެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވުމުން އެކަން ވެސް ވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ފަނޑިޔާރުންގެ މައްޗަށް ކުރެވޭ އެކިއެކި ތުހުމަތުތަކާއި އެކި ގޮތްގޮތުން ފަނޑިޔާރުންނަށް އަންނަ ނުފޫޒުތަކުގެ ވާހަކަ ފަހަކަށް އައިސް ގަދަވެފައިވާއިރު ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްވެސް ބައިވެރިވެވަޑައިގެން ޕާޓީ އޮފީހުގައި ވަނީ މެމްބަރުންތެއް ސޮއިކުރުމާއި މެމްބާޝިޕް ފޯމުތައް ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ”އެއްވެސް އަސާސެއް ނެތް“ ދައުވާގެ ހުކުމް ކުރުމަށް ދެތިން ގަޑިއިރަށް ވެފައިވަނިކޮށް އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމަކީ އިއްތިފާގެގެ ގޮތުގައި ގަބޫލެއް ނުކުރައްވާ ކަމަށެވެ.
މިހާރު ތިއްބެވި ގިނަ މެންބަރުންނަކީ ވެސް ޖޭއެސްސީއިން އޭރު ކުއްލި ކުއްލިއަށް ސިޔާސީ މައްސަލަތަކާ ގުޅިގެން ގާޒީންނަށް އަޅަމުންދިޔަ ފިޔަވަޅުތަކާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުން ކަމަށާއި، ޖޭއެސްސީއަކީ މިއަދު ސިޔާސީތަނެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ”އެޖެންޑާ 19“ ގެ ދަށުން ޖުޑީޝިއަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވީ އަބްދުއް ރަހީމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރުމަށް މަސައްކަތް ކުރަނީ ”ބޭނުން ހާ ގޮތަކަށް“ ހުކުމްތައް ނެރެނުދޭނެތީ ކަމަށް ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްލާމީ ޝަރީއާއި ”ބީރައްޓެހި“ ބަޔަކު އައްޔަން ކުރަން ނުޖެހޭ ކަމަށެވެ. މިއީ ވަކި ”މިނިވަން“ ކަމަކަށް ވަކާލާތު ކުރާ ބައެއް ކަމަށާއި ގައުމު މި އެއްލާލެވެނީ ކަޅު އަނދިރީގެ ތެރެއަށްކަން އަބްދުއްރަހީމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. މި ސަރުކާރަށް ދީން ހިޔާމަތް ކުރުމަށް އެއްވެސް ކަމެއް ކުރެވިފައިނުވާކަމުގެ ހެއްކަކީ، ދީނީ މިނިވަންކަން ގޮވާލާފައިވާ މީހުންވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ދީނާއި، ގައުމުގެ ހައްގުގައި ވަކާލާތު ކުރައްވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. ޒުވާނުންނަށް ރަނގަޅު ކުރިމަގެއް ރައީސް ޔާމީން ހޯއްދަވައިދެއްވިއިރު ރައީސް ސޯލިހްގެ ސަރުކާރަށް ޒުވާނުން އެދޭފަދަ އެއްވެސް ކަމެއް ފުއްދައިދީފައި ނުވާކަމަށް އަބްދުއް ރަހީމްގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ކޯލިޝަންގެ ލީޑަރުންނަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އިސްލާމް ދީނުގެ ހައްގުގައި އެހެން ލީޑަރުންތަކެއް އުޅުއްވާތަން މިއަދު ނުފެންނަ ކަމަށެވެ. މީގެ ކުރިން، ސޯޝަލް މީޑިއާތައް އެކީ ”އެއްކޮޅުން އަނެއްކޮޅަށް“ ޖަހާލާއިރު މިއަދު ހަނު ތިއްބެވުން އެއީ އަމިއްލަ އެދުން ނޫން އެހެން ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަތަރު ލީޑަރުންވެސް ތިއްބެވީ ”ނިދާފައި“ ކަމަށާއި އެއީ މަޖުބޫރުން ކަމެއް ނުވަތަ ނޫންކަމެއް ނޭނގުނަސް ވަގުތު ފާއިތުވާފަހުން އެއްވެސް ލީޑަރަކަށް ރައްޔިތުން މައާފެއް ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ