ހުޅުމާލޭގެ މަގުތަކުން ކަރަންޓު ކޭބަލް ބުރިކޮށް، ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ހުޅުމާލޭގެ ބައެއް މަގުތަކުގައި ވަޅުލާފައި ހުރި ކަރަންޓް ކޭބަލްތައް ބުރިކޮށް، ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އުތުރުން ބައެއް މަގުތަކުގައި ހުރި ކަރަންޓް ކޭބަލްތަކެއް ބުރިކޮށްލައިގެން ވަގަށް ނަގާފައި ވަނީ އިއްޔެގައެވެ. މި މައްސަލަ އެޗްޑީސީގެ ފަރާތުން ފުލުހަށް ހުށަހެޅީ ވެސް އިއްޔެގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އެޗްޑީސީގެ ފަރާތުން ހުށަހަޅާފައިވާ ހުޅުމާލޭ މަގުތަކުން ކޭބަލް ބުރިކޮށް ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަލީ މަޝާރު މިނޫހަށް ވިދާޅުވީ ހުޅުމާލޭގެ މަގުތަކުގައި ވަޅުލާފައި ހުންނަ ކަރަންޓް ކޭބަލްތައް ބުރިކޮށްލައިގެން ވަގަށް ނެގުމަކީ ދޭތެރެދޭތެރެއިން ކުރަމުން އަންނަ ކަމެއް ކަމަށާއި އެ ފަހަރުތަކުގައި ވެސް ފުލުހަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކުން ކަރަންޓް ކޭބަލް ބުރިކޮށްލައިގެން ނަގަނީ ވަގަށް ނަގައިގެން އެ ގޮތަށް ގެންނަ ތަކެތީގެ މާކެޓް، ހުޅުވިފައި އޮތަތީ ކަމަށެވެ. "ވަގު ބާޒާރުގައި އެ ތަކެތި ވިކޭ މައްސަލަ އެންމެ ފުރަތަމަ ބަލަންޖެހޭ. ކޭބަލްތައް ވަގަށް ނަގައިގެން ގެންގޮސް ވިއްކާ ކަމަށް މި ބަލަނީ. މާކެޓް ނެތިއްޔާ އެކަމެއް ނުކުރާނެ. އެހެންވީމަ އެކަމަށް މާކެޓް އޮތީމަ އެކަން އެ ކުރަނީ. މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް،" މަޝާރު ވިދާޅުވިއެވެ. ކަރަންޓް ކޭބަލްތައް ބުރިކޮށްލުމުން ހުޅުމާލޭ ބައެއް މަގުތައް ރޭ ފެނުނީ އަނދިރިކޮށެވެ. މަޝާރު ވިދާޅުވީ ހުރިހާ ކަރަންޓް ކޭބަލެއް ގުޅިފައި ހުންނާތީ އެގޮތަށް ދިމާވާ ކޮންމެ ފަހަރަކު، މުޅި ނެޓްވޯކަށް އަސަރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ