"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕުގެ ވަނަތަކަށް އިނާމު ދީފި

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ތިންވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ގެ ވަނަތަކަށް ދިޔަ ސްކޫލުތަކަށް އިނާމު ދީފިއެވެ.
ޖުމްލަ 32 ސްކޫލާއެކު ހުޅުމާލޭގައި ކުރިޔަށްދިޔަ މި މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ މިކަމަށްޓަކާ ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ހަފުލާގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރާއި ދިރާގުގެ އިސްވެރިންނެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ދެ އަހަރު މި މުބާރާތް ކުރިއަށް ގެންގޮސްފައިނުވާއިރު، މިއަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 900 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސައިކްލިން ހަރަކާތުގައި ފަސް އުމުރުފުރާއަކުން ކުދިން ވާދަކޮށްފައިވެއެވެ. އެއީ 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލު ހޯދިއިރު މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. 15 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ހޯދިއިރު މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގާޒީ ސްކޫލެވެ.
މީގެއިތުރުން 17 އަަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލު ހޯދިއިރު 19 އަހަރުންދަށުގެ ބައިން ޗެމްޕިއަންކަން ހޯދީ ސީއެޗްއެސްއީ އެވެ.
މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 ވަނަ އަހަރުވެސް މުބާރާތް ކުރިއަށް ގެންގޮސްފައިވެއެވެ. މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ މައިގަނޑު މަގުސަދަކީ ސްކޫލު ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމަށް ޝައުގުވެރިކަން އިތުރުކުރުމާއިއެކު، ކުޑައިރުއްސުރެ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ބައްޓަން ކުރުމަށް އެހީތެރިވެދިނުން ކަމުގައި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ