"ފުވައްމުލަކު ރައްޔިތުންނަކީ ޝުކުރުވެރިވާން ދަންނަ ބައެއް ކަމަށާއި އެކަން ވޯޓުން ދައްކާނެކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރޭ ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ހުސެއިން ވަނީ މިވެރިކަމުގައި އެސިޓީއަށް އައިސްފައިވާ ތަރައްގީއާއި ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.
އެގޮތުން މަގުތަކުގައި ތާރު އެޅުމާއި، ރަށްގިރާ ސަރަހައްދު ހިމާޔަތްކުރުމަށާއި އެސިޓީގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ފުވައްމުލައް ސިޓީގެ 3 މެމްބަރުން ރައީސާއެކު ކުރެއްވި މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ހަލުވި މިނެއްގައި އެސިޓީގެ ކަންކަން ތަރައްގީކުރެއްވުމަށް ރައީސް ދެއްވި އަހަންމިއްޔަތުކަމަކީ ރައީސް ސޯލިހަށް ޕްރައިމަރީގައި ތާއީދުކުރެއްވުމަށް ނިންމެވި ސަބަބުކަމަށް ވިދާޅުވިއެވެ.
"ފުވައްމުލަކު ރައްޔިތުން އެކަން ގަބޫލުކުރާނެ، ފުވައްމުލަކު ރައްޔިތުންނަކީ ޝުކުރުވެރިވާން ދަންނަ ބައެއް. ޖެނުއަރީ 28ގައި މިއަޅާ ވޯޓުން އެކަން ދައްކާނަން"
މީގެ އިތުރަށް، ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަށްވެސް ކުރިއެރުން އޮތީ ރައީސް ސޯލިހާއެކުކަމަށް މެމްބަރު ހުސެއިން ވިދާޅުވިއެވެ. އަދި 2023ގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކުރެވެން އޮތީ ރައީސް ސޯލިހާއެކުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ވެރިކަމަށް އާދެވެން އޮތް ފުރުސަތު ދޫކޮށް ނުލުމަށް މެމްބަރު ވަނީ އެސިޓީގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ޕްރައިމަރީގައި ރައީސް ސޯލިހަށް ނާކާމިޔާބުވުމަކީ ރިޔާސީ އިންތިހާބުވެސް ޕާޓީއަށް ނާކާމިޔާބުވުން ކަމުގައި ހުސެއިން ވަނީ ސިފަކުރައްވާފައެވެ.
"ފުވައްމުލަކު ރައްޔިތުން ޝުކުރުވެރިވާނެ، އެކަން ވޯޓުން ދައްކާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ