ﷲ އާ ތިމާއާ ދެމެދު އުސްފާރެއްލެވި ރަޙްމަތުން ބޭރުވުމަށް މެދުވެރިވާ ސަބަބަށް ބިރުވެތިވެބަލަ!

ﷲ ތަޢާލާގެ މި ވަޙީބަސްފުޅަށް ބަލާށެވެ!
"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53)
އަދި މިއާޔަތަށްވެސް ބަލާށެވެ!
"---ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (އަލް ބަޤަރާ: 222)
ފާފަ ނުކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ ކަމާއި އެންމެ ހެޔޮކަން ބޮޑު މީހަކީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަ މީހާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ފާފަކުރެވުމުން ތައުބާވުން ލަސްކުރާނަމަ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދު ދާނީ ދުރުކަން އުފެދެމުންނެވެ. އާޚިރު ނަތީޖާއަކަށްވާނީ ދެމެދުގައި އުސް ފާރެއް ލެވުމެވެ. އެހިސާބުން ﷲ ތާޢާލާ އެމީހަކަށް ރަޙްމަތުގެ ބެއްލެވުމުން ބައްލަވައިވޮޑިގަތުން ހުއްޓަވައިލައްވަވައިފިނަމަ ދެން ކަންކަން ވާނެ ގޮތާއިމެދު ވިސްނައިލާށެވެ!
އަވަސް އަވަހަށް ތައުބާވާން ޖެހެނީ އެކަމުން ސަލާމަތްވުމަށެވެ. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަން ވުމަށެވެ. ޒައްރެއްގެ މިންވަރުންވެސް ދުރުނުވާނެ ގޮތަށް ކަންތައްތައް ކުރުމަށެވެ.
އާދަމްގެފާނާއި އިބިލީހުގެ ވާހަކައަށް ބަލައިފިނަމަ ކޮންމެހެން އެނގެންޖެހޭ ވަރަށް މުހިންމު ފިލާވަޅެއްވެއެވެ. އެހެނީ އިބިލީސް ވެސް ކުރީ ކުށެކެވެ. އާދަމްގެފާނަށް ކުރެއްވެވުނީ ވެސް ހަމަ ކުށެކެވެ.
އާދަމްގެފާނަށް ކުށްކުރެއްވެވިއްޖެކަން ވިސްނިވަޑައިގަތުމާއިއެކު އެންމެ ފުރަތަމަވެސް އަވަސްވެވަޑައިގަތީ ކުށްކުރެއްވެވިއްޖެކަން ޤަބޫލުފުޅުކުރައްވަވައި ތައުބާވެވަޑައިގަތުމަށެވެ. އެކަމަށްޓަކައި ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގެންނެވިމިންވަރު ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ!
ޢާދަމްގެފާނަށް ކުރެއްވެވުނު ކުށާއި ކުށެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގަތުމުން ވަގުތުން ތައުބާވެވަޑައިގެން ފާފަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެންނެވި ކަމުގެ ވާހަކަ ކީރިތި ޤްރުއާނުގެ ކިތައް ތަނުގައި ބަޔާން ކުރައްވަވާފައިވާކަން އެނގޭ ހެއްޔެވެ؟ ކީރިތި ޤްރައާން ބަލައި ދިރާސާކުރާށެވެ! ތަފާތު 10 ތަނަކުން ފެންނާނެއެވެ. މިހައި ގިނަ ތަންތަނުގައި އެވާހަކަތައް ބަޔާން ކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމަށް (ފާފައެއް ކުރެވުމުން އަވަހަށް ތައުބާވުމަށް) ﷲ ތަޢާލާ ލޯބިކުރައްވަވާ މިންވަރު ހަމަ ބޮޑުކަމުންނެވެ.
އިބިލީހުގެ ފަރާތަށް ވިސްނައިލަބަލާށެވެ! އާދަމްގެފާނަށް ސަޖިދަކުރަން އެންގެވުމުން އެކަމަށް އިންކާރުކޮށް ދެކޮޅު ހެދުމަކީ ކުށެއްކަން އެނގުމުން އޭނާ ބޭނުންވީ ތައުބާވުމަކަށް ނޫނެވެ. ޙަސަދަވެރިވީއެވެ. އޭނާގެ ބަހަކީ "އާދަމްގެ ދަރިފަސްކޮޅު އެކުގައި ގޮވައިގެން ނަރަކައަށް ދާނެ" ކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމާއި އިބިލީހާއިއެކު ނަރަކައަށް ގެންދެވޭނީ ﷲ ތަޢާލާއަށް އުރެދުނު ބައަކުކަމުގައި ވަޙީ ކުރެއްވެވީ ﷲ ތަޢާލާއެވެ.
އެހެންކަމުން ކުށެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވާ މީހުން ވެގެންދާނީ އާދަމްގެފާނު އަމަލުކުރެއްވެވި ގޮތަށް އަމަލުކުރާ މީހުންގެ ތެރެއިންނެވެ. ތައުބާނުވެ ލަސްކޮށް ފާފަކުރުންމަތީގައި ދެމިހުންނަނަމަ އެމީހަކު އެހެރީ އިބިލީހުގެ މަގުގައި އިބިލީހާއިއެކުގައެވެ.
ވިސްނާށެވެ! މިއީ ފާފައެއް ކުރެވުމުން ވަގުތުން ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢަލާއަށް ދަންނަވާ މީހާ އާއި ތައުބާ ނުވެ ފާފަކުރުނަމަތީގައި ދެމިހުންނަ މީހާ އާއި ދެމީހުންގެ ހުރި ތަފާތެވެ. ވީމާ ތައުބާ ނުވެ ހުރުމުގެ ނުބައިކަން ބޮޑުކަން މިވަރުންވެސް އެނގިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ