ވިޔަފާރިތަކަށް ކަރަންޓު ބިލުކުރާ ރޭޓު ތަފާތުނުކުރަން ގޮވާލާ ގަރާރެއް

ވެރިރަށް މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް އެއް ރޭޓަކުން ވިޔަފާރިތަކަށް ކަރަންޓު ބިލް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. ޝިޔާން ހުށަހެޅުއްވި ޤަރާރަކީ، ސްޓެލްކޯ އާއި ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްމުން ގެންދާ ރަށްރަށާއު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުން ގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލާ، އެކަން ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހަޅުއްވާފައިވާ ގަރާރެކެވެ.
އެ ގަރާރު ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އއ، އދ، ކ އަދި ވ. އަތޮޅުގެ ރަށްތަކާއި އަދި ފެނަކައިން ހިދުމަތް ދޭ ރަށްތަކުގައި ވިޔަފާރިތަކަށް ކަރަންޓު ބިލުކުރާ ވަރު ވަރަށް ބޮޑު ކަމަށެވެ. މިކަމުގެ ޝަކުވާ އެ ސަރަހައްދުގައި ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތައް އަދި ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރިކުރާ ފަރާތްތަކުން ކުރާ ކަމަށް ޝިޔާން ވިދާޅުވިއެވެ.
ކަރަންޓު ބިލްކުރާ ރޭޓާއި ބޭންޑް ކުރާ އަގު ބޮޑުތަނުން މަތިވުމާއި ގުޅިގެން މި ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް، އެ ވިޔަފާރިން ލިބެންޖެހޭ ފުރިހަމަ ނަފާ އާއި ފައިދާ ނުލިބޭކަމުގެ ޝަކުވާތައް އެ ވިޔަފާރިވެރިން ކުރަމުން ގެންދާކަން ޝިޔާން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރަށްރަށުގައި ވެސް ވިޔަފާރިތަކަށް އެއް ރޭޓަކުން ކަރަންޓަށް ބިލުކުރަން ޝިޔާން ގޮވާލެއްވި އެވެ. އަދި ރޭޓްތައް އެއްވަރު ނުކުރެވޭނަމަ ކުދި ވިޔަފާރިތަކަށް ޓެކްސްގެ ލުއި ފަސޭހައެއް ދިނުމަށް ވެސް ހުށަހަޅާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ