"އެގްރޯނެޓް، ސްކޫލް ގާޑަނިންގ" ޕްރޮގްރާމަށް 11 ސްކޫލަކުން ޕްރޮޕޯސަލް ހުށަހަޅައިފި

އެގްރޯނެޓްގެ "ސްކޫލް ގާޑަނިންގ" ޕްރޮގްރާމުގައި ބައިވެރިވުމަށް 11 ސްކޫލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އެގްރޯނެޓްގެ ސްކޫލް ގާޑަނިންގ ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖޫންމަހުއެވެ.
މިޕްރޮގްރާމަކީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާރުވެސް މިޕްރޮގްރާމް މިހާރު ކާމިޔާބުކަމާއެކު ތ.ކަނޑޫދޫ ސްކޫލްގައި ދަނީ ހިންގަމުންނެވެ. އެ ސްކޫލްގައި މިޕްރޮގްރާމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ދަނޑުވެރިކަމުގެ ދުވަހާ ގުޅުވައިގެންނެވެ. އެސްކޫލްގައި މިހާރު ލެޓިއުސް، އޮކްރާ، ކިޔުކަންބާ ހައްދަމުންދެއެވެ.
މިއަހަރު އިތުރު 5 ސްކޫލަކަށް މި ފުރުސަތު ދިނުމުގެ ގޮތުން އެގްރޯނެޓުން މިހާރުވަނީ "ސްކޫލް ގާޑަނިންގ" ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގްރޯނެޓުން ވިދާޅުވީ އެ ކުންފުނިން ހުޅުވާލި ފުރުސަތުގައި 11 ސްކޫލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި މާލޭގެ 3 ސްކޫލެއްވެސް ހިމެނެއެވެ.
އެގްރޯނެޓުން ވިދާޅުވީ މި ފަހަރު މި ޕްރޮގްރާމަށް ހޮވޭ 5 ސްކޫލް މި ހަފްތާގެ ތެރޭގައި ހާމަކުރައްވާނެކަމަށެވެ. އަދި އަންނަ ހަފްތާގައި އެއްބަސްވުންތައް ޤާއިމްކޮށް، މިމަސް ނިމުމުގެކުރިން އަމަލީ މަސައްކަތްތައް ފަށާނެކަމަށްވެސް އެގްރޯނެޓުން ވިދާޅުވެއެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 3 ސްކޫލެއްގައެވެ. އޭގެތެރޭގައި މާލޭގެ 1 ސްކޫލެއް ހިމެނޭނެކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.
މިއީ އެގްރޯނެޓްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ހޮވޭ ސްކޫލްތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި ފައިސާ އެގްރޯނެޓުން ފޯރުކޮށްދޭނެއެވެ. އަދި އެސްކޫލްތަކުން ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެގްރޯނެޓުން ގަންނާނެއެވެ.
މިޕްރޮގްރާމްގެ ދަށުން ބޮޑަށް ބަލާނީ ސްކޫލްގެ ދަރިވަރުންނަށް ވީހާވެސް ބޮޑަށް ބައިވެރިވެވޭގޮތައް ގާޑަނިންގ ޕްރޮގްރާމް ހިންގުމަށްކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. ރާއްޖޭގައި ދަނޑުވެރިކަމަށް ލޯބިކުރާ ޖީލެއް އުފައްދަން ސަރުކާރުން ކުރާ މަސައްކަތަށް ސްކޫލްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ