ފައިގައި ތަޅާ ކުޅެން އުޅުނު ގްރޫޕް ކޮބާ މިހާރު؟

ކުޑައިރު އެންމެ ގިނައިން ކުޅުނު ކުޅިވަރުތަކުގެ ތެރޭގައި ފައިގަތަޅާ ހަމަ ގައިމު ވެސް ހިމެނޭނެއެވެ. މިއީ ގިނަ ބަޔަކު ވެސް އެއްބަސްވާނެ ކަމެކެވެ. ހިސާބުގަނޑު އެންމެން އެއްކޮށް ގޯތި ތެރޭގައި ނުވަތަ މަގުމަތީގައި ގޮޅި އަޅައިގެން މި ކުޅުނު ހަނދާން ވާނެއެވެ. އެ މީހުން މިހާރު ކޮބާ ހެއްޔެވެ؟ ފައިގަތަޅާ ކުޅުމަކީ އަދިވެސް އެކަމެއް ދިވެހީންގެ ތެރޭގައި އޮންނަ ކަމެކެވެ. ބޮޑެތި މީހުން ވެސް ކުޅޭ މި ކުޅިވަރު އެންމެ މަގުބޫލު ވާނީ ދަތުރުތަކުގައެވެ. ނަމަވެސް, މި ދައްކަނީ އެ ވާހަކައެއް ނޫނެވެ. މިހާރު މި ދައްކަނީ ކުޑައިރުގެ ހަނދާންތަކުގެ ވާހަކައެވެ. ގިނަ ބަޔަކު ކުޑައިރު ކުޅެފައިވާ ކުޅިވަރުތަކުގައި ފައިގަތަޅާ ހިމެނޭނެއެވެ. ގެ ކައިރި އަވައްޓެރިން އެއްކޮށްލައިގެން އާންމުކޮށް މި ކުޅިވަރު ކުޅޭނީ ސްކޫލު ނިމުމުންނެވެ. ނަމަވެސް، އެންމެ ފޯރި ގަދަކޮށް ކުޅޭނީ ސްކޫލު ބަންދު ދުވަސްތަކުގައެވެ. "ސްކޫލު ނިންމާ ގޮތަށް ގެ ކާރި އެންމެން އެއްކޮށްގެން ބައި ބަހާލައިގެން ކުޅޭނީ. އެކަމު އެންމެ މީހުން ގިނަ ވާނީ ބަންދު ދުވަހެއް ވެއްޖެއްޔާ،" ޒުވާނަކު ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އާންމުކޮށް ފައިގަތަޅާ ކުޅެން ފަށާއިރު އުޅޭނީ ހަތަރު ވަރަކަށް ކުދިންނެވެ. ނަމަވެސް، ނިމެން ވާއިރު ހުންނާނީ ޓީމު އެއްކޮށް ބޮޑުވެ، 10 އަދި 12 ވަރަކަށް މީހުންނަށް އިތުރުވެފައި ކަމަށް އޭނާ ފާހަގަކުރިއެވެ. އިތުރު މީހަކު ބުނި ގޮތުގައި ކުޅެ ނިމޭނީ ކޮންމެ ފަހަރަކު ދެ ގްރޫޕުގެ ތެރޭގައި ކޮންމެ ވެސް މައްސަލައެއް ޖެހިގެންނެވެ. އަނެއްބައި ފަހަރު ކުއްޖެއްގެ މަންމަމެން ގޮވައި އެންމެނަށް ހަޅޭ ލަވައިގަންނަ ހިސާބުން މެޗު ނިންމާލަން ޖެހޭނެއެވެ. "އެއްބައި ދުވަސް ދުވަހު ތިބޭނެ އެކި ގަޑި ގަޑީގައި. ހެނދުނުން ފެށިގެން ހަވީރު ވަންދެއް ވެސް. ދެން ނަމާދަށް ދާން ގޮވައި މާ ގިނައިރު ވަންޏާ ދެން އަންނާނީ މަންމަ. އެހާ ހިސާބުން ރޫޅުނީ،" އޭނާ ކިޔައިދިނެވެ. އޭރު ފައިގަތަޅާ ކުޅެން އުޅޭ ގްރޫޕުތަކަކީ އާންމުކޮށް ވަރަށް ގާތް ގްރޫޕުތަކެކެވެ. މި ގްރޫޕުތައް ހުރިހާ ކަމެއް ވެސް ކުރާނީ އެކީގައެވެ. އޭގެ ތެރޭގައި ބަންދު ދުވަސްދުވަހު އެކީގައި މޫދަށް ދިޔުން ވެސް ހިމެނެއެވެ. ނަމަވެސް، ކިޔަވާ ނިމުމާ އެކު ދިރިއުޅުން އެހެން ރަށަކަށް ބަދަލުވާ ހިސާބުން ފެށިގެން މި ގްރޫޕުތައް ގިނަ ފަހަރަށް ރޫޅެއެވެ. ގިނަ ފަހަރަށް ގުޅުން ވެސް ކެނޑޭ ގޮތްވެއެވެ. ނަމަވެސް، އޭގެ ތެރެއިން މަދު ބަޔަކީ އަބަދު ވެސް ވާހަކަދައްކައި އުޅޭ މީހުންނެވެ. އެހެންވީމާ އެ ގްރޫޕު މީހުންތައް މިހާރު ކޮބާ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ