އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމާއި ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
މިއީ ރައީސް ސޯލިހު އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުގައި ސަރުކާރުގެ ވަފުދުގެ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހަށް ހުށަހެޅި މައްސަލަ އެކެވެ. އެ މައުލޫމާތުތައް ހާމަކުރުމަށް އިކޮމްއިން އެންގުމުން، ދައުލަތުން އެކަމަށް ދެކޮޅު ހަދައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން އެ ނިންމުމަށް ތާއީދު ކުރި އެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.
މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ސަބަބެއްކަމަށް ސަރުކާރުން ބުނެފައި ވަނީ، ދަތުރުގައި ބައިވެރިވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެތީ އާއި، ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ވެސް ނުރައްކާވެދާނެކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތުމުންނެވެ.
މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ރެޖިސްޓްރާ ނިންމެވީ ހައިކޯޓުގެ ނިންމުން ގޯސްކަމަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ދައުލަތެއް ދެއްކިފައި ނުވާކަމަށެވެ.
ރެޖިސްޓްރާގެ މި ނިންމުން، ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ.
މި މައްސަލައިގެ ހައިކޯޓުގެ ހުކުމުގައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ކިޔަންވާނީ މުޅި ގާނޫނު ވަށައިގެންވާ ސިޔާސަތުތަކާއި މަގްސަދުތަކުގެ ފުޅާ އިމުގެ ތެރޭގައި ކަމަށެވެ. އަދި އެ ގާނޫނުގެ މަގްސަދަކީ ރައްޔިތުންނަށް ވީހާވެސް އާންމުކަން ބޮޑު ގޮތެއްގައި ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ލިބިދިނުންކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.
ޒާތީ މައުލޫމާތު ހާމަވާނެކަމަށް ބުނެ ދައުލަތުން ނަގާފައިވާ ނުކުތާއާއި ގުޅޭގޮތުން ހުކުމުގައި ވަނީ އެފަދައިން ޒާތީ މައުލޫމާތެއް އެކުލެވޭތީ މައުލޫމާތު އެކީ ހިފަހައްޓާނަމަ ވަރަށް ބޮޑަށް މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ހައްގަށް ހުރަސްއެޅި ހަނިވާނެ ކަމަށެވެ. އަދި އެފަދަ ޒާތީ މައުލޫމާތެއް އުނި ކުރުމަށް ފަހު ރަސީދު ދޫކުރުމަށް އޮތް ގާނޫނީ ހުރަހެއް ދައުލަތަށް ބުނެ ނުދެވޭކަން ދައުލަތުން ފާހަގަކުރި އެވެ.
ހައިކޯޓުން ބުނީ ޒާތީ މައުލޫމާތެއް ހިމެނޭ ލިއުމެއް އެކީގައި ހިފެހެއްޓޭ ގޮތަށް ގާނޫނު މާނަކުރުމަކީ، ރަނގަޅު ގޮތެއްކަމުގައި ނުފެންނަ ކަމަށެވެ. އަދި ގާނޫނުގެ ދަށުން ދޫނުކޮށް ހިފެހެއްޓޭނެ މައުލޫމާތުކަމަށް ބުނެފައިވާ މައުލޫމާތެއް ލިއުމުގައި ހިމެނޭނަމަ އެ މައުލޫމާތެއް އުނި ކުރުމަށް ފަހު އެ ލިއުމެއް ދޫކުރަންވާނެކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
މީގެއިތުރުން އިންފޮމޭޝަން ކޮމިޝަނަރ ވެސް ނިންމަވާފައި ވަނީ އެ ރަސީދުގައި ޒާތީ މައުލޫމާތެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކާވާ މައުލޫމާތެއް ހިމެނޭނަމަ އެ މައުލޫމާތެއް އުނި ކުރުމަށް ފަހު ރަސީދުތައް ހާމަ ކުރަން ޖެހޭނެކަމުގައި ވާތީ އެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.
ރައީސްގެ އެމެރިކާ ދަތުރުގެ ހަރަދު ހާމަނުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް؛ މައްސަލަ ބަލައެއްނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ