ތިން ހިއްސާދާރުން ހާޒިރުނުވެގެން ހަވީރު މައްސަލަ މިއަދު ކެންސަލް

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރާ ހިންހަމަނުޖެހި އެ ނޫހުގެ ކުރީގެ މުވައްޒަފުން ހައިކޯޓަށް ވެއްދި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މިއަދު އަޑުއެހުން ކަންސަލްކުރީ މައްސަލާގައި ދައުވާ ލިބޭ ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކޯޓަށް ހާޒިރުނުވުމުންނެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރީ ހަވީރުގައި މަސައްކަތްކުރި 33 މުވައްޒަފެއްގެ ފަރާތުންނެވެ. ނަމަވެސް ބައެއް މުވައްޒަފުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ނުގެންގޮސްވަނީ، ހަވީރު ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި ހަވީރު ނޫހުގެ އެޑިޓާ މޫސާ ލަތީފާއި ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ.
މި މައްސަލާގައި ދައުވާކޮށްފައިވާ ތިން ހިއްސާދާރުންނަކީ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްއާ ދެކޮޅަށެވެ.
ހަތް މުވައްޒަފުން ތިން ހިއްސާދާރުންނާ ދެކޮޅަށް ދައުވާކުރި މި މައްސަލާގެ މިއަދުގެ އަޑުއެހުން އެ ތިން ހިއްސާދާރުންގެ ފަރާތުން ވަކީލުން ކޯޓަށް ހާޒިރުނުވެގެން ކެންސަލްކުރަން ޖެހުނުއިރު، ވަކި ސަބަބެއް ނާންގައި ކޯޓަށް ހާޒިރުވެފައިނުވާތީ އަޅަން ޖެހުނު ފިޔަވަޅެއް އެ ފަރާތްތަކާ މެދު ހައިކޯޓުން އަޅާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.
މި މައްސަލަ އެޓާނީ ޖެނަރަލްގެ އޮފީހުން ވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
ހަވީރުގައި މަސައްކަތްކުރި މުވައްޒަފުން "މިހާރު" ނޫހުގައި މަސައްކަތްކުރަމުންދާއިރު، ދެ އަހަރުވަންދެން އެ މުވައްޒަފުން "ހަވީރު" ނޫން އެހެން ނޫހެއްގައި މަސައްކަތްކުރާނަމަ ފިޔަވަޅު އަޅަން ސިވިލް ކޯޓުން ހޯމް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.
ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ބުނެފައިވަނީ އަމުރު އެގޮތަށް އޮތްނަމަވެސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
މި އަމުރާ ގުޅިގެން އޭޖީ އޮފީހުން ބުނެފައިވަނީ، ސިވިލް ކޯޓުން ހަވީރުގެ ކުރީގެ މުވައްޒަފުންންނަށް ކޮށްފައިވާ އަމުރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ