މަންމަގެ ކޯމަތީ ޖަހާ ދަތް ވައްޓާލުމުން ދަރިފުޅުގެ ދަތް ވައްޓާލުމަށް ކޯޓުން ޙުކުމްކޮށްފި

ދަރިފުޅު އޭނާގެ މަންމަގެ ކޯމަތީ ޖަހާ ދަތެއް ވައްޓާލުމުން ދަރިފުޅުގެ ދަތް ވެސް ވައްޓާލަން ސައުދީ ކޯޓަކުން ހުކުމް ކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން މި ކުއްޖާގެ ދަތް ވައްޓާލަން ހުކުމް ކުރުމުގެ އިތުރަށް މަންމަ ގައިގައި ޖެހި ދަރިފުޅު 5 އަހަރަށް ޖަލަށްލާންވެސް ކޯޓުން ވަނީ ޙުކުމްކޮށް ފައެވެ.
އަދި ހައްދު ޖެހުމަށް ވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ކޮންމެ 10 ދުވަހަކުން 40 އެތިފަހަރު އެގައުމުގެ މާރުކޭޓް ސަރަހައްދުގައި އޭނާގެ ގައިގާ ޖަހާ 2400 އެތިފަހަރު ހަމަކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މަންމަގެ މޫނު މަތީގައި ޖަހާ ދަތް ވައްޓާލީ އުމުރުން 30 އަހަރުގެ ދަރިފުޅު މަންމަ އާއި އެކު ކާރެއްގައި ދަތުރުކުރަމުންދަނިކޮށެވެ.
ކާރު ޗެކްޕޮއިންޓެއްގައި މަޑުކުރުމާއި އެކު މަންމަ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާ އޭނާގެ ދަރިފުޅު ކިބައިން އޭނާ ސަލާމަތް ކޮށްދިނުމަށް ފުލުހުން ކިބައިން އެދިފައެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި އެކު ވަގުތުން މަންމަ ހޮސްޕިޓަލަށް ގެންގޮސް ފުލުހުން ވަނީ މަންމަ އަށް ހަމަލާދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ސައުދީގެ އޮކާޒް ނޫސް ބުންޏެވެ.
މަންމަގެ ދަތް ވައްޓާލުމުން އޭނާގެ ދަތްވެސް ވައްޓާލަން ކޯޓުން ހުކުމް ކުރީ އޭނާގެ މެޑިކަލް ރިޕޯޓަށް ބެލުމަށްފަހުގައި ކަމަށާއި އެގޮތުން މެޑިކަލް ރިޕޯޓުންދައްކާ ގޮތުގައި އޭނާ މެންޓަލީ ގޮތުންވެސް ހުރި ރަނގަޅު ހާލަތެއްގައިކަމަށެވެ.
މި ހަމަލާ އޭނާ އޭނާގެ މަންމައަށް ދިންއިރު މީނާ ހުރީ ޑްރަގުގެ ބާވަތެއް އަދި ރަލުގެ ބާވަތެއްވެސް ބޭނުންކޮށްގެން ނޫންކަމަށް މެޑިކަލް ރިޕޯޓުން ވަނީ ދައްކާފައެވެ.
ކޯޓުން މީނާގެ ދަތްވައްޓާލަން ހުކުމްކޮށްފައިވަނީ ކީރިތި ގުރުއާންގެ އާޔަތެއްގައި ބުނެފައިވާ ގޮތަށް ނަފްސަކަށް ނަފްސެއް މި އާޔަތަށް ރިޔާއަތްކޮށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ