ޑޯގް ކެނަލްތައް "ކުއްތާގެ ގެތައް" ތައްޔާރުކޮށް އެ ކެނަލްތައް ހުޅުވުމުން އަވަސް މުސްތަގްބަލެއްގެ ތެރޭގައި ދިވެހި ރާއްޖެއަށް 16 ކުއްތާ ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ގައި މޯލްޑިވިސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން ތައްޔާރުކޮށްފައިވާ ޑޯގް ކެނަލްތައް މޯލްޑިވިސް ޕޮލިސް ސަރވިސް އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރ އުމަރު ނަސީރު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަސްތުވާއެއްޗިއްސާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ބޭނުންކުރެވޭ އެއްޗަކީ ކުއްތާ ކަމަށް ވާއިރު، ރާއްޖޭގައި ވެސް އެކަން އެގޮތަށް ކުރުމަކީ ކުށްމަދު ވެއްޓެއް ގާއިމްކުރުމަށް ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް ގަތް ކުއްތާތަކުގެ ފުރަތަމަ ބެޗް މިމަހުގެ 23 ވަނަ ދުވަހު ގެނައުމަށް ހަމަޖެހިފައިވާއިރު، ކުއްތާތައް ގެނައުމަށް ހަމަޖެހިފައިވަނީ ތިން ހަތަރު ދުވަހަށް ބަހާލައިގެން ކަމަށެވެ. އަދި ކުއްތާތައް ގެނެސް މަސައްކަތުގެ މާހައުލަށް ނެރެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށާއި ކުއްތާތައް އަދި އެންމެ ރަނގަޅު ވަރަށް ބޮޑު ނުވާތީ، އެތަކެތި ބޮޑުކުރުމަށް ދެތިން މަސް ނަގާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ފާރަގެމަޔަށް ގެންނަ ކުއްތާތައް ބޭތިއްބުމަށް އަޅާފައިވާ ގެތަކުގައި އެއެއްޗިއްސަށް ބޭނުންވާ ކާއެއްޗިއްސާއި ބޭހާއި އަދި އެހެނިހެން ވެސް ވަސީލަތްތައް މިހާރު ވަނީ ގާއިމްކުރެވިފައި. އެމަސައްކަތުގައި އެއެއްޗިއްސަށް ޝާމިލުވެ އުޅެވެންދެން ގެންގުޅޭނީ ހުޅުލޭގައި ހަދާފައިވާ އިމާރާތުގައި." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ފާރަގެމަޔަށް ގެންނަ ކުއްތާތަކަށް މަސްތުވާތަކެތީގެ އިތުރަށް ގޮވާތަކެއްޗާއި ވަގު ފައިސާ ވަކިކުރުމުގެ ގާބިލުކަން ވެސް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން ކުއްތާ ތަމްރީނުކުރާއިރު މި ކަންކަމަށް ވިސްނާނެ ކަމަށާއި، މި ތިން ދާއިރާއިން ކުއްތާތައް ތަމްރީނުކުރެވުމުން، ދިވެހި ފުލުހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ފާރަގެމަޔަށް ގެންނަ ކުއްތާތަކުގެ ތެރޭގައި ހިމެނެނީ އެކި ވައްތަރުގެ ބޮޑެތި ޖާމަން ޝެޕަޑާއި އެއަށްވުރެ ކުދި ރަތް ކުއްތާ ތަކެކެވެ. ޖަރމަން ޝެޕަޑް އަކީ އޭގެ އިސްކޮޅުގައިއާންމު ގޮތެއްގައި 60 އާއި 65 ސެންޓި މީޓަރު، އަދި ބުރަދަނުގައި ގާތްގަނޑަކަށް 30 އާއި 40 ދެމެދުގެ ބުރަދަނެއް ހުންނަ ކުއްތާއެކެވެ.
އުމަރު ވިދާޅުވީ މި 16 ކުއްތާއަކީ ހަމައެކަނި މާލެ ސަރަހައްދަށް ޙާއްސަކޮށްގެން ގެންނަ ކުއްތާތަކެއް ކަމަށެވެ. އެހެންނަމަވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އައްޑު އަތޮޅާއި ކުޅުދުއްފުއްޓާއި ވައިގެ ބަދަރުތަކަށް އިތުރު ކުއްތާ ގެންނައުމަށް ހަމަޖެހިފައި ވާކަމަށެވެ.
ކުއްތާތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގެތަކުގައި ކޮންމެ ކުއްތާއަކަށް ހާއްސަކޮޓަރިއަކާއި ކޮންމެ ކޮޓަރިއެއްގައި ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. އަދި އޭގެ އިތުރުން ކުއްތާތައް ފެންވެރުމަށް ހާއްސަ ބިލިގާތަކެއް ވަނީ ތައްޔާރުކޮށްފަ އެވެ.
މި ރަސްމިޔާތުގައި ވަނީ މޯލްޑިވިސް އެއާރޕޯޓްސް ކޮންޕެނީ ލިމިޓެޑް ފަރާތުން ޑޯގް ކެނަލްތަކުގެ ތަޅުދަނޑި ރަސްމީކޮށް ހޯމް މިނިސްޓަރ އުމަރު ނަސީރަށް ހަވާލު ކުރައްވާފައެވެ. އަދި އެ ކެނަލްތައް ރަސްމީކޮށް ބެލެހެއްޓުން ހޯމް މިނިސްޓަރ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު އާއި ހަވާލު ކުރައްވާފައެވެ.
16 ކުއްތާ ރާއްޖެ ގެންނާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ