ފަލަސްޠީނު ރައްޔިތުން މަރަން އިޒްރޭލުގެ ބޯޓު ތަކަށް ތެޔޮ އަޅައިނުދިނުމަށް ގޮވާލައިފި

އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށާއި އިޒްރޭލަށް ތެޔޮ ވިއްކުން ހުއްޓާލުމަށް އިސްލާމީ ޤައުމު ތަކަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ގޮވާލައްވައިފިއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ޔަހޫދީ އަނިޔާވެރި ސިފައިން ދެމުން ގެންދާ ޙަމަލާ ތަކުގެ މައްޗަށް އަލި އަޅުވާ ލައްވަމުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ އަނާރާ ނަޢީމް ވިދާޅުވީ މިފަދަ އަނިޔާވެރި ޢަމަލު ތައް ހިންގުމަށް ނޭނގި ތިބެ ނަމަވެސް މުސްލިމުން އެހީތެރި ވަމުން ގެންދާ ކަމަށެވެ.އެގޮތުން އިޒްރޭލުގެ ޔަހޫދީ ސިފައިން ފަލަސްޠީނުގެ ރައްޔިތުންގެ ބޮލަށް ކެނޑިނޭޅި ބޮން އަޅަމުން ގެންދާ މަތިންދާ ބޯޓު ފަހަރަށް ތެޔޮ އަޅައިދެނީ މުސްލިމުން ކަމަށާއި، އިޒްރޭލުގެ ޔަހޫދީ އަނިޔާވެރި ސިފައިންގެ ޓޭންކަރު ތަކަށް ވެސް އަޅަނީ އިސްލާމީ ޤައުމު ތަކުން ވިއްކާ ތެޔޮކަން އަނާރާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އިޒްރޭލުގެ އަނިޔާވެރިން އުފައްދާ އުފެއްދުންތައް އެންމެ ގިނައިން ގަންނަމުން ގެންދަނީ އިސްލާމީ ޤައުމުތަކުން ކަން ފާހަގަ ކުރައްވާ އަނާރާ ވަނީ ޔަހޫދީ އިޒްރޭލުން އުފައްދާ ތަކެތި ގަނެގެން ފަލަސްޠީނުގެ ރައްޔިތުންގެ ބޮލަށް ބިން އެޅުމަށް ފައިސާ ޚަރަދު ނުކުރުމަށް އިސްލާމީ އުއްމަތަށް ގޮވާލައްވާފައެވެ. ފަލަސްޠީނުގެ ޙާލަތަށް އަލި އަޅުއްވާ ލައްވާ ރޭ ބޭއްވި އިޙްޔާ ފޯރަމްގައި އަނާރާގެ އިތުރުން ފަލަސްޠީނުގެ ޙާލަތު ދިރާސާ ކުރައްވަމުން ގެންދަވާ މުޙައްމަދު ޖަވާދު ޔޫސުފާއި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވެސް ވަނީ ތަޤުރީރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ