ލަސްނުކޮށް ޕީޖީ އަކު ޢައްޔަނު ކުރުމަށާއި ޕީޖީ އޮފީހުގެ މައްސަލަ ތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ލަސްނުކޮށް ޕީޖީ އަކު ޢައްޔަނު ކުރުމަށާއި ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަ ތައް ކޯޓު ތަކަށް ބަލައިގަތުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.ދިވެހި ރާއްޖޭގެ ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވާ ނެރުއްވާފައިވާ އަމުރުގައި ވަނީ ތިރީސް ދުވަސް ތެރޭގައި ޕްރޮސެކިޔުޓަރ ޖެނެރަލަކު އައްޔަން ކުރުމަށް ގާނޫނުން ލާޒިމް ކުރާތީ ލަސްނުކޮށް އެކަން ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގާ ކަމަށެވެ.މީގެ އިތުރުން ޕީޖީ އޮފީހުން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ވެސް ކުރިއެކޭ އެގޮތަށް ކޯޓު ތަކަށް ބަލައިގަންނަމުން ދިއުމަށާއި، ކޯޓުގައި ހުރި މައްސަލަތައް ކުރިއެކޭ އެގޮތަށް ކުރިއަށް ގެންދިއުމަށް ވެސް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޝަރުއީ ކޯޓު ތަކަށް ވެސް އަންގާ އަމުރު ކޮށްފައެވެ.އެހެން ނަމަވެސް ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަންނަ ޖެހޭ ނަމަވެސް ކުރިން ޕީޖީން ފޮނުވާފައި ހުރި މައްސަލަތައް އަނބުރާ ގެންދިއުމާއި އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމުން ފަދަ ފިޔަވަޅެއް އެ އޮފީހުން ނޭޅުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައި މިވަނީ ޤާނޫނު ގައި ކަނޑައަޅާފައިވާ ތިރީސް ދުވަހުގެ މުއްދަތުގައި ޕްރޮސެކިޔުޓަރ ޖެނެރަލަކު ޢައްޔަނު ނުކޮށް ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނާ ޚިލާފު ވެފައިވާ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ޤާނޫނާ ޚިލާފުވެފައި ވާކަމަށް ކަނޑައެޅިގެން ސީދާ ގޮތެއްގައި ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ