އިންތިޚާބު ގަޑުބަޑުކުރުމުގެ ފުރުސަތު ދީގެން ނުވާނެ: ގާސިމް

އިންތިޚާބު ގަޑުބަޑު ކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދަންވަރު މާލެ ތެރޭގައި ތޫނު ހަތިޔާރާ އެކު އެއްވެސް ބިރެއް ނެތި ގޭންގު މާރާމާރީ ހިންގާފައިވާތީއާއި، ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާގެ ގެޔަށް ކަޅުތެޔޮ ޖަހާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އިއްތިހާދުގެ އިސް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގައެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މިކަންކަމަކީ އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭ ކަންކަން ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ. މިއީ އިންތިޚާބު ބާއްވާނެ މާހައުލެއް ނެތްކަން ދައްކަން ބަޔަކު އުފައްދާ ހައިޖާނުތަކެއް ނޫންތޯ އެމަނިކުފާނު ސުވާލު އުފައްދަވާފައިވާ ކަމަށެވެ.
ރައްޔިތުން ސަމާލުވުމަށާއި ކެތްތެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސް ކުރުމަށް ގާސިމް އިބްރާހީމް އެދިވަޑައިގެންފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި އިންތިޚާބު ގަޑުބަޑުކުރަން އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ދީގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް އޮތް ރައްޔިތުންގެ ތާއީދު ގުޑުވާލަން ކޮންމެ ކަހަލަ ފްރޭމް ކުރުމެއް ވެސް ކޮށްފާނެ ކަމަށެވެ. ހުރިހާ ބޭފުޅުން ވެސް ވަރަށް ވިސްނުންތެރިވެ، މިކަންކަމަށް ރައްޔިތުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށް ގާސިމް އިބްރާހީމް އެދިވަޑައިގަންނަވާ ކަމަށް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ