މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހަދާ ޤަވާއިދުތައް


މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ޤަޥާއިދުތައް ބަންޑާރަނައިބުގެ ލަފައާއެކު ހެދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް އިންފޮރމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.
 
މި ޤާނޫނުގެ ދަށުން ހަ ގަވާއިދެއް ތިން މަސް ދުވަހުގެ ތެރޭގައި ހެދުމަށްފަހު ގެޒެޓްކުރަންޖެހެއެވެ.
 
އެމްބީސީ ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ޤާނޫނުން ލާޒިމްކުރާ ގަޥާއިދުތައް ހެދުމަށް މީޑިއާގެ ހިއްސާ ބޭނުންކުރާނެކަމަށާއި މައުލޫމާތު ހޯދާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ފީއެއް ނެގޭނި އެކަމެއް ކުރުމަށް ދާ ޚަރަދަށްވުރެ އިތުރުނުވާ މިންވަރެއްކަމަށެވެ. އެހެންކަމުން މައުލޫމާތެއް ފޯރުކޮށްދެވޭތީ އެކަމަށް ފީއެއް ނުނެގޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.
 
އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ އިންފޯރމޭޝަން އޮފިސަރުންގެ ގޮތުގައި  ތިބެންޖެހޭނީ ވެރިންނަށްވުރެ ދަށްފެންވަރުގެ މީހުން ކަމަށް. އެހެންނަމަވެސް ބައެއް ތަންތަނުގައި ޑިރެކްޓަރުންގެ ފެންވަރުގެ މީހުން އައްޔަންކޮށްފައި އެބަތިބިކަމަށެވެ.
 
މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ސަރުކާރުން އެހީދީގެން ހިންގާ ޖަމްޢިއްޔާތަކަށްވެސް ފިޔަވަޅުއެޅޭނެކަމަށާއި ދައުލަތުން ޚަރަދުކުރާ ހުރިޙާ ތަނެއްގައި މީޑިއާ އޮފިސަރުން ތިބެންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުގެ މައުލޫމާތުތަކަކީ ފޮރުވަންޖެހޭނެ އެއްޗެއް ނޫންކަން އާންމުންނަށް އަންގާދިނުމަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވިއެވެ.
 
 މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ މުވައްޒަފުން ހަމަޖެހިފައިނެތުމާއި ބަޖެޓެއް ހަމަޖެހިފައިނެތުން ކަމަށް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ފާހަގަކުރެއްވިއެވެ.
 
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބަޖެޓެއް ހަމަޖެއްސެން އޮތީ އެ އޮފީހުގައި ފައިސާގެ ކަންތައް ބަލަހައްޓާނެ ދެ މުވައްޒަފުން ތިބެގެން ކަމަށާއި ނަމަވެސް ބަޖެޓެއް ލިބިގެން ނޫނީ މުވައްޒަފަކު ނެގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިގްތިސާދަށާއި ގައުމީ މަސްލަހަތަށް ގެއްލުންވެދާނެ ފަދަ ކަންތައްތަކާއި ކެބިނެޓަށް ހުށަހަޅަން އޮންނަ ކަންތައްތަކުގެ މައުލޫމާތު ނޫން އެހެންހުރިހާ މައުލޫމާތެއް ހާމަކުރެވޭނޭކަމަށް އިންފޮރމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.
 
 
އިންފޯރމޭޝަން ކޮމިޝަނަރުގެ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ސަރުކާރުގެ ތެރެއިން ލިބެމުންދޭތޯ ކަށަވަރުކޮށް އަދި އެމައުލޫމާތު ފޯރުކޮށްނުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ