ފެން ކުންފުންޏަށް ސްޓެލްކޯގެ ކަރަންޓް ދޭންފަށައިފި

އެމްޑަބްލިޔު އެސްސީ އަށް ދިމާވި ކަރަންޓްގެ ޙާދިޞާ
އަށް ފަހު އެތަނަށް ބޭނުންވާ ކަރަންޓް މިހާރު ފޯރުކޮށްދެއްވާފައިވާ ކަމަށް
ސްޓެލްކޯ ގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުއްޝުކުރޫ
ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމުގައި ޝުކޫރު ވިދާޅުވީ، އެމްޑަބްލިއުއެސްސީ އަށް
ބޭނުންވާ މިންވަރަށް، 2.5 މެގަވޮޓް ގެ ކަރަންޓް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރުގެ ހާލަތުގައި ފެން އުފައްދަން
ޖެހުނަސް އެކަމަށް ދަތިނުވެ ކަރަންޓު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ޝުކޫރު
ވިދާޅުވީ މި ދަނޑިވަޅުގައި ބައެއް ފަރާތަކުން ސްޓެލްކޯ އިން މާލެއަށް ބޭނުންވާ
ވަރަށް ކަރަންޓް ފޯރުކޮށް ނުދެވޭ ކަމަށް ބުނެ ދޮގު ޚަބަރުތަކެއް ފަތުރަމުންދާ
ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމެއް މެދުވެރިނުވާ ކަމަށާއި ސްޓެލްކޯ އިން
އެމްޑަބްލިޔޫއެސްސީ އަށް ކަރަންޓު ފޯރުކޮށްދިން ކަމުގައި ވިޔަސް މާލޭގެ ކަރަންޓަށް
އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށް ޝުކޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ސްޓެލްކޯ އިން ވަނީ އިއްޔެ
ހަވީރުން ފެށިގެން އެތަނުގައި ރައްކާކޮށްފައި ހުރި ފެން އާއްމުންނަށް ފޯރުކޮށް
ދޭން ފަށާފައެވެ. ހަމަ އެކަނި އަލިފާނުގެ ޙާދިޞާ އެއް ދިމާވެއްޖެ ނަމަ ބޭނުން ކުރަން
ބަހައްޓާފައި ހުރި ފެނުގެ އިތުރުން އިއްޔެ ގެ ނިޔަލަށް، ސްޓެލްކޯ އިން ބެހެއްޓި
އިސްކުރުބަރިން މިހާތަނަށް އާންމުންނަށް 150 ޓަނުގެ ފެން ދޫކޮށްފައިވާ ކަމަށް
ޝުކޫރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ވަނީ އިތުރު
އިސްކުރުބަރިއެއް ބަހައްޓާފައި. އެ އިސްކުރު ބަރި ޚާއްޞަ ކުރެވޭނީ އަންހެނުންނާއި
ކުޑަކުދިންނަށް ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ