އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ޗައިނާ އަށް ވުރެ އެމެރިކާގެ ބިރު ބޮޑު ކަމަށް ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާ އިން ރާއްޖެ އަށް ހުށަހަޅާފައިވާ ސޯފާ އެގްރިމަންޓާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ "އަޅުގަނޑު އެއްގޮތަކަށް ވެސް ހިތްހަމަނު ޖެހޭ އެކަމާ. އަޅުގަނޑު އެކަން ކުރާކަށް ބޭނުމެއްނުވޭ" ކަމަށެވެ.
އެ އިންޓަވިއުގައި ޗައިނާ އިން ރާއްޖޭގައި އެމްބަސީއެއް ހުޅުވުމާއި ރާއްޖޭގައި ޗައިނާގެ ނުފޫޒުގަދަކުރުމާ ބެހޭ ގޮތުން ސުވާލުކުރުމުން މައުމޫން ވިދާޅުވީ ޗައިނާ އިން އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށެވެ.
މައުމޫން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެ އަށް އެކި ކަންތައްތަކުގައި އެއްބާރުލުންދީފައިވާ ކަމަށެވެ.
"އަޅުގަނޑުގެ 30 އަހަރުގެ ވެރިކަމުގައި އިންޑިއާ އިން އަދާކޮށްދިން ދައުރާ މެދު ވަރަށް އުފާވޭ. އިންޑިއާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނާދޭ. އިންޑިއާ އިން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކަންތައްތަކަށް ވެދިން އެހީތެރިކަމާ މެދު ޝުކުރުއަދާކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރާ އެކު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ނަޝީދު އެ ނިންމުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއް ނެތި ކަމަށެވެ.
"އެއީ ގޯހެއް، ޕާޓީތަކާ އެކަމުގައި މަޝްވަރާ ކުރި ނަމަ އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އާއްމުން ނުދެކުނީސް، ދެން ވަޑައިގެންނެވި ރައީސް އަރިހު އަޅުގަނޑުމެން ދެންނެވިން ޖީއެމްއާރް ގްރޫޕާއި އިންޑިއާ ސަރުކާރާ މަޝްވަރާ ކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯއްދަވަން. މިނިވަންކަމާ އެކު ނިންމުމެއް ނިންމުމުގެ ފުރުސަތު އޭގެ ފަހުން ސަރުކާރަށް އޮތް. އެހެން ނަަމަވެސް ނަސީބު ދެރަކަމުން އެކަމެއް އެގޮތަކަށް ނުވި، ދެން ކުއްލިއަކަށް އައީ މި އުފާވެރި ނޫން ނިމުން،" ޖީއެމްއާރު އެއްބަސްވުން އުވާލި ގޮތާ މެދު މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.
އެ ގައުމުގެ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ގާއިމުވެއްޖެ ނަމަ އިންޑިއާ ދެމެދު އޮންނަ އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.
މައުމޫން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ފޮރިން މިނިސްޓަރު ސަލްމާން ހޫރުޝީދާ ބައްދަލުކުރެއްވި އެވެ.
އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ޗައިނާ އަށް ވުރެ އެމެރިކާގެ ބިރު ބޮޑު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ