އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު 28 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 28 މީހުން ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނު އާންމުންގެ ގަޔަށް ބަޑިޖަހާފައިވަނީ، އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް މިއަދު ބަދަލުކުރުމާ ދިމާކޮށް އެކަމާ ނުރުހުން ފާޅުކޮށް ފަލަސްތީނުގެ އާންމުން ސަރަހައްދީ އިމަށް ޖަމާވެ އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
މިއަދުގެ ކުރިމަތިލުމަށް ފަލަސްތީނުގެ އެތައްހާސް އާންމުން އެ ސަރަހައްދަށް ޖަމާވެ، ޓައިރު އަންދައި، ބައެއް މީހުން ކަށިނަރުތައް ކޮށާލައި އިސްރާއީލުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުން ދިޔައިރު، އިސްރާއީލުގެ އުދުވާނީ ސިފައިން ވަނީ އަސްލު ވަޒަން ބޭނުންކޮށްގެން ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހާފައެވެ.
ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 28 މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސްއިން ޣައްޒާގައި ހިންގާ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފައި ވެއެވެ. ނަމަވެސް ޒަޚަމްވި މީހުންގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ، 2014 ވަނަ އަހަރު އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގި ހަނގުރާމައިގެފަހުން، އެއްދުވަހެއްގައި ފަލަސްތީނުގެ މިހާގިނަ މީހުން ޝަހީދުކޮށްލި ފުރަތަމަ ފަހަރެވެ.
ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުންގެ ދެކޮޅުވެރިކަމާ ކުރިމަތިލާން ޖެހޭނެކަން އެނގޭތީ، އިސްރާއީލުން އޮތީ ސަރަހައްދީ އިމުގައި ކުރިންތިބި ސަލާމަތީ ފައުޖުތަކުގެ އަދަދު ދެގުނަ އިތުރުކޮށް ސަލާމަތީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފައެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު އެތައްބަޔަކު ޝަހީދު ކޮށްލުމާ ގުޅިގެން މިއީ އިސްރާއީލުން ހިންގި ގަތުލުއާންމެއް ކަމަށް ބުނެ ފަލަސްތީނު ސަރުކާރުންވަނީ އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
އަނެއްކޮޅުން، ތުރުކީގެ ބޮޑުވަޒީރުގެ ނާއިބް ވިދާޅުވީ، ޣައްޒާގައި އިސްރާއީލުން މިހިންގި ގަތުލުއާންމުގެ ޒިންމާ އިސްރާއީލުގެ އިތުރުން، އެމެރިކާއިންވެސް އުފުލަންޖެހޭނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ