އަރީފު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް، މިހާރު ދޫކުރޭ: އިދިކޮޅު އިއްތިހާދު

ގާނޫނުއަސާސީއާއި ގާނޫނުތަކުން ބޭރުނުވެ ގާނޫނު ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިމާޔަތް ދިނުމަށާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހެން ގޮވާލީ ކުރީގެ ސީޕީ އަރީފު މިއަދު ހައްޔަރުކޮށްފައިވާތީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޕާޓީތަކުގެ ފަރާތުން މައުލޫމާތު ދެއްވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ ކުރީގެ ސީޕީ އަރީފު ހައްޔަރުކުރީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ކަމަށާއި އަރީފު މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލާ ކަމަށެވެ. ފުލުހުންގެ އެންމެ އިސްވެރިއަކަށް މީގެ ދުވަސްކޮޅެއް ކުރިން ހުންނެވި އަހުމަދު އަރީފް ބަންދުކުރެވިގެން މިދިޔައީ ކީއްވެންތޯ ކޮންމެ ރައްޔިތަކުވެސް ސުވާލުކޮށްލަންޖެހޭ ކަމަށް ޝާހު ވިދާޅުވިއެވެ. އޭނަ ވިދާޅުވީ އަރީފަށް މިހެން މިދިމާވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ތަންފީޒު ކުރެއްވުމަށް މަސައްކަތް ކުރައްވާފައި ވުމުން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރަކީ ތަންފީޒުކުރަންޖެހޭ އަމުރެއް ކަމަށް ފުލުހުންގެ އިދާރާއިން މީޑިއާއަށް ހާމަކުރި. އެހިސާބުން މިކަން ބަލައިނުގަނެވޭ ބަޔަކު ތިބި. ޗާޓުން ބޭރުން ނުވަތަ ވަކިބަޔަކު ބޭނުންވާ ގޮތަށް ނުވަތަ އެބައެއްގެ ބާރުވެރިކަން ނޯންނަ ގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރަން ބޭނުންނުވާ ބަޔަކު ތިބިކަން އަޅުގަނޑުމެންނަށް ހާމަވެގެންދިޔައީ އަރީފް އެއަމުރު ތަންފީޒު ކުރުމަށް އޭރުގެ ޑީސީޕީއާއެކު ގާނޫނީ ބޭފުޅުންގެ ލަފަޔާއެކު މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުން. އެއަށްފަހު މިފެނިގެންދިޔައީ އަރީފް ބަންދުވެގެންދިޔަ ތަން" ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ކަންބޮޑުވަނީ އަރީފް ކިޔާ ބޭފުޅަކު ހައްޔަރުކޮށްގެން ނޫން ކަަމަށާއި މައްސަލައަކީ ގާނޫނު ނެގެހެއްޓުމަށް މަސައްކަތްކޮށް، ގާނޫނުއަސާސީގައި ވާގޮތަށް ކަންކަން ކުރައްވާ އެއްވެސް ބޭފުޅަކަށް ރައްކާތެރިކަން ނެތުމުން ކަމަށެވެ. ކޯޓު އަމުރުތައް މިނިވަންކަމާއެކު ތަންފީޒު ކުރުމަށް ރައްކާތެރިކަމެއް ނެތް ކަމަށާއި އެއްވެސް ފުލުހަކަށް ވެސް މިއަދު ރައްކާތެރިކަމެއް ނެތް ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އިދިކޮޅު ހަރަކާތްތަކުން އެތައް ބަަޔަކު ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ އިދާރާއިން ދަނީ ހައްޔަރުކުރާ މީހުންގެ އަދަދުވެސް އޮޅުވާލަމުން ކަަމަށެވެ. ފުލުހުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު ވަނީ ހައްޔަރުކުރެވިފައި ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ވަރަށް ގިނަ ފުލުހުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުންނަށް އަބުރުވެރިކަމާއެކު އެޚިދުމަތުގައި ދެމިތިބެވޭނެ ގޮތަކަށް އެޚިދުމަތް ބައްޓަން ކުރަންޖެހޭ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ފުލުހުން އަމަލުކުރަންޖެހެނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. ސަލާމަތީ ޚިދުމަތްތަކުގެ ވާހަކަ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ފުލުހުންގެ ވާޖިބަކީ ގައުމުގައި އަމާންކަން ދަމަަހައްޓައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަން ޝާހު ފާހަގަކުރެއްވިއެވެ.
ސިޔާސީ ގޮތުން ބަންދުކޮށްފައިވާ އެންމެން ދޫކޮށްލައި ތަންފީޒީ އިދާރާތަކުގައި ގާނޫނާ އެއްގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ރައްކާތެރިކަން ލިއްބައިދިނުމަށް ޝާހު ވަނީ ގޮވާލާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ