ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދަައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކުރުމަށްފަހު ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑު އެހުން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު،، ނަމަވެސް ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ފަހު ވަގުތު ކެންސަލްކޮށްފަ،، އެކަމަކު މިއަދުގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ބުނެފައެއް ނުވެ އެވެ.
މިމައްސަލައިގެ އަޑުއެހުމެއް އިއްޔެވެސް ތާވަލްކުރުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އަޑުއެހުންތައް ކެންސަލް ކުރަމުން ދަނީ ހެކިން ހާޒިރުކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މިމައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު ހަތް މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.
ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން 29 ހެކި ހުށަހަޅާފައިވާއިރު ދައުވާ ލިބޭ މީހުންގެ ފަރާތުން ފަސް މީހެއްގެ ނަން ދިފާއީ ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އާލިފް ރައޫފާއި މުހައްމަދު ނޫރައްދީން ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާތީ ސުވައިދުގެ ޝަރީއަތް ކޯޓުގައި ކުރިއަކަށް ނުގެންދެ އެވެ.
އާލިފާއި ނޫރައްދީން އަކީ ރިޟްވާން ގެއްލުވާލި މައްސަލާގައި މީގެ ކުރިން ހައްޔަރު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ދެމީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ