ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނިނަމަވެސް މަޖިލީހުގެ އެެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މެންބަރު ހުސައިން ޝަހުދީއާއި، މުހައްމަދު އަބުދުﷲގެ ގޮނޑި ގެއްލިފައިވާކަމަށް ބުނަމުންދާ ދިއުމާއި ގުޅޭގޮތުން ރައީސް މައުމޫންގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ އަމަލުކުރާނެ ގޮތަކާ މެދު ސުޕްރީމް ކޯޓުން ހުކުމެއް ކުރައްވާ އަދި އެމައްސަލައާ ގުޅޭ ވަރަށް ސާފު އަމުރެއް ނެރުއްވާފައިވާކަަމަށެވެ.
އެގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ޕީޕީއެމް އިން ވަކި ކުރި ކަމަށް ބުނެ އެ ޕާޓީއިން ވަނީ އިލެކްޝަން ކޮމިޝަނަށް އަންގާފައިކަމަށާ ނަމަވެސް އެ ދެ ބޭފުޅުން ނަކީވެސް 10 ޖުލައި 2017 ވަނަ ދުވަހު ޕީޕީއެމް އިން ވަކިވާން އެދި އަދި އިލެކްޝަންސް އަށް ވެސް އެކަން އަންގާފައިވާ ދެބޭފުޅުންކަމަށް މައުމޫން ވިދާޅުވިއެވެ.
އެހެންކަމުން އެދުވަހުންފެށިގެން އެދެބޭފުޅުންނަކީ ޕީޕީއެމަށް ނިސްބަތްވާ ދެބޭފުޅުންނެއް ނޫންކަމަށާ އަދި އެ މެންބަރުންނަކީ، ސުޕްރީމް ކޯޓުން ހުކުމް ނެރުއްވުމުގެ ކުރިން އަމިއްލަފުޅަށް ޕާޓީން ވަކިވެވަޑައިގެން ތިއްބެވި މެމްބަރުންކަމަށް މައުމޫން ވިދާޅުވިއެވެ.
ގޮނޑި ގެއްލުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރެއްވި ހުކުމާ ގުޅިގެން އެކޯޓުން ނެރުއްވި އަމުރުގައި، "ދުސްތޫރީ މައްސަލައިގެ ހުކުމުގައި ބަޔާން ކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމުގެ ކުރިން ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ، އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޙުކުމްގެ އަސަރު އެއްވެސް ގޮތަކުން ތަންފީޒެއް ނުކުރެވޭނެ" ކަމަށް ވިދާޅުވެފައި ވުމާއި އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނު 16 ވަނަ މާއްދާގެ (ބ)ގައި "ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަޑާ ޚިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެމީހަކު އިންތިޚާބު ވެފައިވާ މަގާމުގައި ދެމި ހުންނާނެކަމަށް" ބަޔާންކޮށްފައި ވުމަކީ ވެސް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމުގެ ވަރުގަދަ ހެއްކެއްކަމަށް މައުމޫން ވިދާޅުވިއެވެ.
"މީގެ އިތުރުން "ސިޔާސީ ޕާޓީތަކުގެ ގާނޫނު" ގެ 15 ވަނަ މާއްދާގެ (ނ) ގައި "ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީން ވަކިވެވިދާނެ" ކަމަށް ބަޔާންކޮށްފައި އޮތުމާއި، ގޮނޑި ގެއްލިޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި މެމްބަރުން ނިސްބަތްވެވަޑައިގަންނާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އަސާސީ ގަޤަވާއިދުގެ 20 ވަނަ މާއްދާގައި ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައި އޮތް އިރު، ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި " އެހުކުމަށް ފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީގެ ޤާނޫނާއި ޕާޓީ ގެ އަސާސީ ޤަވާޢިދުގައި ނުވަތަ އެނޫން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވިޔަސް ކަނޑައަޅާފައި ވާ ޤާނޫނީ އިޖުރާއާތައް ތަބާވުން އިސްތިޘްނާކުރެވިފައި ނުވާކަމަށް" ވިދާޅުވެފައި އޮތުމަކީ ވެސް އިސްވެ ދެންނެވުނު މެމްބަރުންގެ ގޮނޑި ނުގެއްލޭކަމުގެ ސާބިތު ހެއްކެކެވެ". މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެން ކަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުގެއްލޭކަމަށާ ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ މަޖިލީހުގެ މެންބަރުކަމެއް ނުގެއްލޭކަމަށް މައުމޫން ވިދާޅުވިއެވެ.
އެ ހުރިހާ މެންބަރުންނަކީ ވެސް ޕީޕީއެމް އިން ޖުލައި 13 ގެ ކުރިން ވަކިވެފައިވާ މެންބަރުން ކަމުގައިކަމަށާ އެހެންކަމުން އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމްގެ ނަމުގައި ޕާޓީ ހިންގަމުން ގެންދާ ފަރާތްތައް ޤާގާނޫން އަސާސީ އާއި ދިވެހި ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދާއި އަދި ޕާޓީގެ އަސާސީ ގަވައިދުގައި ވާގޮތަށް އަމަލުތައް ބެހެއްޓުމަށް ގޮވާލާކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ އެެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ