ބިން ލިބުނުހާ އަވަހަށް އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްްކަތް ފަށާނަން: ސްޓެލްކޯ

ސްޓެލްކޯ އިން މާލޭގައި އެޅުމަށް ހަމަޖެހިފައިވާ އާ އިންޖީނުގޭގެ މަސައްކަތް ފެށޭނީ މާލޭގެ ސިނާއީ ސަރަހައްދުން ބިން ލިބުމުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީއެެމްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ އެސިސްޓެންޓް އިންޖިނިއާ މަރިޔަމް އަލީ ވިދާޅުވީ ސްޓެލްކޯ އިން މާލެއަށް ދެމުންގެންދާ ކަރަންޓްގެ ހިދުމަތް ރަނގަޅުކުރުމަށް އެކުންފުނިން ޕްލޭންތަކެއް ހަދާ އެކަމުގެ އިދާރީ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
މަރިޔަމް ވިދާޅުވީ ސްޓެލްކޯގެ ޕްލޭންގައިވާ އެންމެ ބޮޑު މަޝްރޫއަކީ އެކުންފުނިން މާލޭގައި އެޅުމަށް ހަމަޖެހިފައިވާ އާ އިންޖީނުގޭގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުން ކަމަށެވެ. އެކަމަކު އެމަސައްކަތް ފެށޭނީ މާލޭގެ ސިނާއީ ސަރަހައްދުން ބިން ލިބިގެން ކަމަށާއި އެ ސަރަހައްދުން ބިން ހޯދުމަށް ސްޓެލްކޯ އިން ރައީސް އޮފީހުގައި އެދިފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާލޭގައި އެޅުމަށް ހަމަޖެހިފައިވާ އާ އިންޖީނުގޭގެ ޑިޒައިން މަސައްކަތް ނިމިފައިވާ ކަން ފާހަގަކުރައްވަމުން މަރިޔަމް ވިދާޅުވީ އާ އިންޖީނުގޭގައި 8 މެގަވޯޓްގެ ތިން ޖަނަރޭޓަރު ބަހައްޓައިގެން 25 މެގަވޯޓްގެ ކަރަންޓް އުފައްދައިގެން ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.
މިމަޝްރޫއަށް 555 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭތާ ދޮޅުއަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށްވެސް މަރިޔަމް ވިދާޅުވި އެވެ. އާ އިންޖީނުގޭގެ މަޝްރޫއު ނިމުމާއެކު މާލޭގައި މިހާރު ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވި ނަމަވެސް ހިދުމަތަށް ބުރޫއަރައިގެން ނުދާނެ ކަމަށްވެސް މަރިޔަމް ވަނީ ވިދާޅުވެފަ އވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ