ފާރިސްގެ މައުސޫމްކަން ސާބިތުކުރަން ހެއްކެއް ބޭނުމެއް ނުވޭ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ކުށެއް ނުކުރައްވާކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅަން ހަގީގަތުގައި ނުޖެހޭ ކަމަށް ފާރިސްގެ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތްތަކާ ގުޅޭގޮތުން ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުންނާއި ގާނޫނުގެ ދަށުން ފާރިސްއަށް ލިބިވަޑައިގަންނަވަންޖެހޭ ހައްގުތައް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެންމެ ކުޑަ މިނުން މައްސަލައިގެ ލިޔުންތައްވެސް ލިބިވަޑައިނުގަންނަވާ ކަމަށާއި ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާވެސް ހިއްސާކުރުމަށް ދައުލަތުން އިންކާރުކުރާ ކަމަށެވެ. މިއީ ހެކި ފޮރުވުން ކަމަށާއި ދައުވާ ސާބިތުކުރެވޭވަރުގެ ހެކި ހުރިނަމަ ހާމަކުރަންޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ ޝަޚުސު އޮޅުވާލުމުގެ މައްސަލާގައި ދައުލަތުން ހުށަހަޅަނީ ސިއްރު ދެހެކިން ކަމަށް ބުނެފައިވާއިރު، އެމީހުންގެ ހެކިބަސް ނަގާ އަޑުއެހުން ވެސް ސިއްރުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިގެން، އެނިންމުން ބަދަލުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. ހެއްކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެފަރާތަށް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ފާރިސްގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅަން ހަގީގަތުގައި ނުވެސްޖެހޭ ކަމަށެވެ. ފާރިސްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ސާބިތުކޮށްދިނުމަށް ހެއްކާއި ގަރީނާ ހުށަހެޅުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށް އޭނަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވަން ބޭނުންފުޅުވާ ހެކިތަކާއި ލިޔުންތަކަކީ ބާތިލް ހެކިތަކެއް ކަމާއި ޝަރީއަތަށް ބަލައިނުގަނެވޭނެ ހެކިތަކެއް ކަަމަށް ޝަރީއަތުގެ މަޖިލީސްތަކުގައިވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ ފުލުހުންގެ ތަހުގީގު ބިނާކުރެއްވީ ޝަކުވާއެއްގެ މައްޗަށް. އެއީ ޕީޕީއެމްގެ ނާއިބުރައީސެއްގެ ހައިސިއްޔަތުން ބޭފުޅަކު ސޮއިކުރައްވާފައި ފޮނުއްވި ޝަކުވާގެ ސިޓީއެއްގެ މައްޗަށް. އަޅުގަނޑުމެން ދެންނެވިން އެއީ ހައިސިއްޔަތެއް އޮތް ސިޓީއެއް ނޫނޭ. ސަބަބަކީ ޕީޕީޕީއެމްގެ ނާއިބުރައީސްގެ މަގާމުގައި ހުންނެވި ކަމަށް އެވިދާޅުވާ ބޭފުޅާ ހުންނެވީ އޭގެ އެއްއަހަރު ކުރިން ވަކިކޮށްފައި. މަގާމުގައި ދެމިހުންނެވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ބޭފުޅަކު ސޮއިކުރައްވާފައި ފޮނުއްވި ސީޓީއެއް. އެންމެ ސާފުކޮށް މިފެންނަނީ ޝަޚުސު އޮޅުވާލުމުގެ އަމަލެއް. އެކަމެއް ފުލުހުންނެއް ނުބައްލަވާ" މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ފާރިސް ޕީޕީއެމުން ވަކިކުރި ކަމަށް ވެސް ބުނަނީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދުލުއިންސާފު ހިންގަން ޖެހޭ ހަމައާއި އުސޫލުން ހިންގާނަމަ ފާރިސްއަށް އިންސާފު ލިބުން ނޫން ގޮތެއް ނޯންނާނެ ކަމަށާއި އިންސާފު ލިބޭނެ ކަމުގެ އުންމީދު ކަނޑާނުލާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝަޚުސު އޮޅުވާލުމުގެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިއުމުގެ އިތުރަށް އަވަސްއަރުވާލާފައި ގާތްގާތުގައި އަޑުއެހުންތައް ތާވަލްކުރުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މައުމޫން ފާހަގަކުރެއްވިއެވެ. އެހެން ހެދުމުން މައްސަލައާ ގުޅޭގޮތުން ފާރިސްއާ ބައްދަލުކޮށް ވާހަކަ ދައްކަން ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި މައްސަލައަށް ތައްޔާރުނުވެވޭ ކަމަށް ވިދާޅުވިއެވެ. އަވަސް އަރުވާލައިގެން މިމައްސަލަ ކުރިއަށްގެންދަނީ ވަކި ތާރީޚެއްގެ ކުރިން ފާރިސްގެ މައްޗަށް ހުކުމް ކުރުމަށް ކަމަށް ވެސް ވަކީލު ތުހުމަތުކުރެއްވިއެވެ.
ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދަނެތި ބޭނުން ކުރެއްވި ކަމަށް ބުނެ ޝަޚުސު އޮޅުވާލުމުގެ ދައުވާއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ދައުވާ ފާރިސްގެ މައްޗަށް ވަނީ އުފުލާފައެވެ. ފާރިސް ވަނީ ދެ ދައުވާއަށް ވެސް އިންކާރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ