ރައްޔިތުންގެ ނަމުގައި ރައްޔިތުން ހިލަހިލާ ޖަހަނީ ރައީސްގެ ހިތްހަމަޖެހުމަށް: އަލީ ހުސައިން

ދިވެހި ރައްޔިތުންގެ ނަމުގައި އެތައް ބަޔަކު ގާނޫނާ ޚިލާފަށް ހައްޔަރުކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ހިތްހަމަޖައްސައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި އަލީ ހުސައިން ވިދާޅުވީ ދައުލަތެއްގެ ފަރާތުން މީހަކު ހިފައިހައްޔަރުކޮށް ހިލިހިލާޖަހައި ހުރަގެއަކަށް ލަނީ ހުރިހާ ރައްޔިތުންގެ ނަމުގައި ކަމަށެވެ. މުޅި ރައްޔިތުންގެ ނަމުގައި ކަމެއް ކުރާއިރު އެކަމެއް ކުރަންވާނީ ގާނޫނުއަސާސީގައާއި ގާނޫނުތަކުގައި އޮންނަ ގޮތަށް ކަމަށެވެ. މީހުން ހައްޔަރުކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އިންސާނާގެ މިނިވަންކަމަކީ އިސްލާމްދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަންތައްކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ.
އަލީ ހުސައިން ވިދާޅުވީ އިސްލާމްދީނަށް އުޅޭ އަދި ގާނޫނުއަސާސީއަކާއި ގާނޫނުތަކެއް އޮވެގެން ދިރިއުޅޭ ބައެއްގެ ސަލާމަތަށް ކަމަށް ބުނެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ވަކި މީހަކު ހިފައިހައްޔަރުކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. މީހަކު ހައްޔަރުކުރާއިރު ހަގީގަތުގައި ވެސް އެމީހަކީ މުޖުތަމައަށް ހުރި ނުރައްކަލަކަށް ވާންޖެހޭނެ ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގައި ކަންހިނގަނީ އެގޮތަށް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"ދައުލަތުގެ މުއައްސަސާއަކުން ކަމެއް ކުރީމަ އެކަމެއް އެކުރެެވެނީ އަޅުގަނޑުމެންގެ ނަމުގައި. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށޭ ކިޔާފައި ރައީސަކަށް ހުންނަ މީހާ ބުނީމަ ފުލުހުން ކުރާ ކަމެއް މިއީ. މިވަރު ކަމެއް ކުރާއިރު ފުލުހުން ވަރަށް ސަމާލުވާންޖެހޭނެ. މިކިޔަނީ ﷲ ގެ އަޅެއް، މިނިވަން އިންސާނެއް ހިފައިހައްޔަރުކޮށް ހިލަހިލާޖަހާ ވާހަކަ. އަޅުގަނޑުމެން ސަލަމާތަށޭ ކިޔައިގެން މިކަން ކުރަނީ. އެކަމަކު ހަގީގަތުގައި މިއުޅެނީ ރައީސުލްޖުމްހޫރިއްޔާ ހިތްހަމަޖައްސައިދޭން" އަލީ ހުސައިން ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ރައީސް ޔާމީނަށް ކޮށްދޭ ކަމެއްގެ ގޮތުގައި އެހެން އިންސާނުން ހިފައިހައްޔަރުކުރުމަކީ އެއްގޮތަަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. މީހަކު ހައްޔަރުކުރެވޭނެ އުސޫލުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއުސޫލުން ބޭރުން އެކަން ނުކުރެވޭނެ ކަމަށެވެ. އެގޮތުން ކުށުގެ ވެށިން ވެސް މީހަކު ހައްޔަރުކުރެވޭނީ އެކަށީގެންވާ ހެކިތަކެއް ހުރެގެން ކަމަށާއި ކުށުގެ ވެށިން ނޫންގޮތަކަށް މީހަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދު ގާސިމާއި، އެޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ އެތަކެއް މެމްބަރުންނާއި ސިޔާސީ ވާދަވެރިންނާއި، ފަނޑިޔާރުންނާއި، ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ އެއުސޫލުން ނޫން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ޣައިރުގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ ބަޔަކު ހިފައިހައްޔަރުކުރުމަށް ކަމަށާއި މިވަރުގެ ބޮޑު ޖަރީމާއެއް ރައީސުލްޖުމްހޫރިއްޔާއަށް ހިންގައިދޭން ދިވެހި ފުލުހުން ތިބިކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޣައިރުގާނޫނީ އަމުރަށް ތަބާވެ، ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމަކީ 21 ވަނަ ގަރުނުގައި ހިންގޭނެ އެންމެ ބޮޑު ޖަރީމާ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެއިން މިކަން ހުއްޓެން އެބަޖެހޭ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހާ ކުރާ ޣައިރުގާނުނީ އަމުރަށް ތަބާވެގެން މީހުން ހައްޔަރުކުރާ ފުލުހުން އެކަމަށް ޒިންމާ ނަގަންޖެހޭ. ގެއްލުމުގެ ބަދަލުދޭންޖެހޭނެ. އެމީހަކު ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި ޣައިރުގާނޫނީ ގޮތެއްގައި ހިފައިހައްޔަރުކުރެވޭ މީހާއަށް ދޭންޖެހޭނެ. އެގޮތަށް އަޅުގަނޑުމެން ނިންމައިގެން ނޫނިއްޔާ މިގޮތަށް މީހުން ހިފައިހައްޔަރުކުރުން މިގައުމަކުން ނުހުއްޓޭނެ" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ މީހުން ހައްޔަރުކުރަންޖެހޭ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެކަން ރާއްޖޭގައި ނުހުއްޓޭ ކަމަށާއި މީހުން ހިފައިހައްޔަރުކުރުމަކީ ކުޅިވަރަކަށް ހަދާފައިވާ ކަމަށެވެ. އެންމެ ހިނދުކޮޅަކަށް ވެސް މީހެއްގެ މިނިވަންކަން ގާނޫނާ ޚިލާފަށް ނުހިފެހެއްޓޭނެ ކަަމަށެވެ. އަދި ވިދާޅުވީ ފުލުހުންނަށް ގޯސް ހެދިއްޖެ ކަމަށާއި ދެން އޮތީ އެގޯސް ރަގަޅުކުރުން ކަމަށެވެ. ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުން ހުއްޓާލުމަށް އަލީ ހުސައިން ވަނީ ފުލުހުންނަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ