ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވި ވެރިޔަކީ ރައީސް ޔާމީން: މެމްބަރު ޝިޔާމް

ނައިފަރު ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ވައުދުތައް ފުއްދަވައިދެއްވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ތެޅެ ތެޅެ ވައްޓޭ ނުލެވުނު ނަމުގައި ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ނައިފަރުގެ ފަސްގަނޑަށް ތަރައްޤީ ގެނުވީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރަކަށް ޖާގަ ދެއްވަން ޖެހޭ ކަމަށެވެ.ޝިޔާމް ވިދާޅުވީ ނައިފަރަށް ބޭނުންވެފައި ހުރި އެތައް ބައިވަރު އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ކުރީގެ ރައީސުން ނައިފަރަށް ވަޑައިގެން، އެތައް ބައިވަރު ވައުދުތަކެއް ވެވަޑައިގެންވި ކަމަށާއި، ނަމަވެސް ރައްޔިތުންނަށްޓަކައި އެއްވެސް ވައުދެއް ފުއްދަވައި ދެއްވާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމިން އަކީ ޤައުމު ދެކެ ލޯބިވާ، ހިތްވަރު ގަދަ ވެރިއެކެވެ.މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރައީސް ޔާމީންގެ ހިތްވަރާއި ސާބިތުކަން ހާމަކޮށްދެއްވާފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން އެތައް ބައިވަރު ގޮންޖެހުންތަކެއް އެމަނިކުފާނާއި ކުރިމަތި ކުރުވި ކަމަށާއި ނަމަވެސް އެމަނިކުފާން އެއިން ކޮންމެ ކަމަކާއި ކުރިމަތިލެއްވީ ހިތްވަރާއި ސާބިތުކަމާއެކުގައި ކަމަށެވެ.އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ އިދިކޮޅު ފަރާތްތަކުން ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރަން އުޅުމުން އެއިން އެއްވެސް ކަމެއް ކާމިޔާބު ނުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ކުޑަމިނުން އިދިކޮޅު ޕާޓީތަކުން އެ ޕާޓީތަކުގެ ޒިންމާތަކުގެ މާނަ ވެސް ދިވެހި ރައްޔިތުންނަށް އޮވާލާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ