މަޖިލީހަށް ވަޑައިގަންނަވާ ދުވަހު ރައްޔިތުން އެއިދާރާ ދޮށަށް ދިއުމަށް ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރައްވާ ދުވަހު މާލެއާއި އަތޮޅުތަކުގައި ތިބި ރާއްޖޭގެ ރައްޔިތުން މަޖިލިސް އިދާރާ ދޮށަށް ދިއުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި އެވެ.
ރޭ އުސްފަސްގަނޑުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ހާޒިރުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، އެދުވަހަކުން އެމަނިކުފާނުގެ ހުރިހާ އެކައުންޓެއްގެ ތަފްސީލު ވެސް މަޖިލީހަށް އަރުވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނާއެކު ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަކީ މުހިންމު ކަމެއް ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރައްވަނީ ރައްޔިތުންނާ އެކު ހުރެވޭނޭ ގޮތެއް ހޯއްދެވުމަށް ކަމަށެވެ.
"އަޅުގަނޑު މިހިރީ ވަރަށް ތައްޔާރަށް، އެންމެ ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ބޭންކެއްގައި ހުޅުވި އެކައުންޓުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑުގެ ބޭންކް އެކައުންޓްގެ ހުރިހާ ތަފްސީލް މައުލޫމާތެއް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އަރުވަން." ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން އެމަނިކުފާނުގެ އިތުރު ބޭންކް އެކައުންޓެއް ވޭތޯ އާއި އަދި އެހެން އެއްވެސް ތަނެއްގައި އެމަނިކުފާނާއި ބެހޭ މައުލޫމާތެއް އޮތްތޯ ބަލައި ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބާރު އަޅައިދިނުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
ނަޝީދާއި ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ނަޝީދު ރޭ ވިދާޅުވީ ގައުމުގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި ގާނޫނާއި ޚިލާފް ކަންތައްތައް ބެލުމަށް މައުމޫން މަޖިލީހަށް ހާޒިރު ކުރައްވާނެތޯ އެދުވަހަކުން މަޖިލީހުގައި ސުވާލު ކުރައްވާނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ގާމާދޫ ޖަލުގައި ކުށްވެރިންގެ ގަޔަށް ބަޑިޖަހަން ވިދާޅުވިތޯ އާއި މާފުށީ ޖަލުގައި އީވާން ނަސީމު ގަޔަށް ބަޑިޖަހައި މަރާލިކަން ނުވަތަ ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް މައުމޫން ސާފުކޮށްދެއްވާނެތޯ ވެސް އޮޅުންފިއްލަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ