ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ މައްޗަށް ކުރެވޭ ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކޮށް، ގެންގުޅުނު ކަމުގެ ދަޢުވާގެ އަޑުއެހުންތައް މިހާރު ކުރިޔަށް ގެންދާ މާލަމު، މިހާރަށް ވުރެ ބޮޑު މާލަމެއްގައި ކުރިޔަށް ގެންދާގޮތަށް ބަދަލުކުރަން ނުފެންނަ ކަމަށް އެމައްސަލަ ބައްލަވާ ގާޒީން ވިދާޅުވެއްޖެއެވެ.
ނާޒިމްގެ ޝަރީޢަތުގެ އަޑުއެހުންތައް ޢާންމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިންގެ ކިބައިން ނާޒިމް އެދިވަޑައިގެންފައި ވަނީ މިހިނގާ މާރޗުމަހުގެ އެއްވަނަ ދުވަހުއެވެ. ނާޒިމް އެދިވަޑައިގެންފައި ވަނީ ކްރިމިނަލް ކޯޓުގައި މިހާރު ޝަރީޢަތް ކުރިޔަށް ގެންދާ މާލަމުގެ ބަދަލުގައި، ދަރުބާރުގޭގެ މާލަމެއް ފަދަ ބޮޑު މާލަމެއްގައި އޭނާގެ ޝަރީޢަތް ކުރިޔަށް ގެންގޮސްދެއްވުމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ނާޒިމްގެ ޝަރީޢަތް މިހާރު ކުރިޔަށްދާ މާލަމު ބަދަލުކޮށްގެން، މިހާރަށްވުރެ ބޮޑު މާލަމެއްގައި ކުރިޔަށް ގެންދަން ނުފެންނަ ކަމަށެވެ.
ސަބަބަކީ، ކުރީގައި ޝަރީޢަތަށް އެންމެ "ދެ ތިން މީހުންނަށް" ވަދެވޭ ގޮތަށް އޮތް ނަމަވެސް މިހާރު ޖާގަ ތަނަވަސްވެފައި، ގިނަ މީހުންނަށް ޝަރީޢަތް އަޑުއެހުމަށް ވަދެވޭތީ ކަމަށް ގާޒީ އަބްދުލްބާރީ ވިދާޅުވިއެވެ.
"އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ވަރަށް ތަފާތު ދެއްތޯ؟" ގާޒީ އަބްދުލްބާރީ ޝަރީޢަތުގައި ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ މީޑިޔާއަކަށްވެސް ޝަރީޢަތަށް ވަނުމުގެ ފުރުސަތު ލިބޭ ކަމަށާއި، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބޭނެތީ، ޝަރީޢަތް މިހާރަށް ވުރެ ބޮޑު މާލަމެއްގައި ކުރިޔަށް ގެންދަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ޝަރީޢަތް ޢާންމުކޮށް ހުޅުވާލައިގެން ގެންގޮސްދިނުމަށް އެދި ރައީސަށާއި ޕީޖީއަށް ފޮނުވި ސިޓީގައި ނާޒިމް ވިދާޅުވެފައި ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަަތުތައް ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދާކުރާނެކަމުގެ ޔަޤީންކަމެއް ނެތް ކަމަށާއި، އެކަމަށް ބަރޯސާވެވެން ވެސް ނެތް ކަމަށެވެ. އެހެންކަމުން، އޭނާގެ ހައްޤުތައް ދިފާއުކުރެވެން އޮތް އެންމެ ބޮޑު ގެރެންޓީއަކީ ގިނަ ބައެއްގެ ކުރިމަތީގައި، ޢާންމުކޮށް ކުރިޔަށް ގެންދެވޭ ޝަރީޢަތެއްގެ ޒަރިއްޔާއިން ކަމަށް ނާޒިމް ވިދާޅުވިއެވެ
2003 ވަނަ އަހަރު އީވާން ނަސީމްގެ މަރުގެ މައްސަލައާއި މާފުށީ ޖަލުގައި ބަޑިޖެހި މައްސަލައިގެ އަޑުއެހުންތަކާއި، 2005 ވަނަ އަހަރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި، ދައުލަތާއި އިދިކޮޅު ޢަމަލު ހިންގުމުގެ ދައުވާއާއި ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުންތައް ދަރުބާރުގޭގައި ޢަންމުކޮށް ހުޅުވާލައިގެން ގެންދިޔަކަން ފާހަގަ ކުރައްވަމުން، ނާޒިމް ވިދާޅުވީ އޭނާގެ ޝަރީޢަތްތަކަކީ ގިނަ ބައެއްގެ މަސްލަހަތާއި ކަންބޮޑުވުން ހިމެނޭ ކަމެއް ކަމަށާއި، ގިނަ ބަޔަކަށް ވަދެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ބޭއްވުމަކީ މުޖްތަމަޢަށްވެސް ލިބެންޖެހޭ ހައްޤެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
އަދި، ޝަރީޢަތް ޢާންމުކޮށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމުކުރުމުގެ ފޯރުންތެރިކަން ނެތްނަމަ، އަމިއްލަ ޚަރަދުގައި ވެސް ދަރުބާރުގޭގެ މާލަމެއް ހިފައިދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
“ވީމާ އަޅުގަނޑުގެ މައްޗަށް [މަނިކުފާނު/ޕްރޮސެކިއުޓަރ ޖެނެރަލް] ކުރައްވާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުންތައް ޢާންމުކޮށް ހުޅުވާލައިގެން ގިނަ ބަޔަކަށް އަޑުއަހަން ވަދެވޭ ގޮތަށް ދަރުބާރުގޭގެ މާލަމެއްގައި ނުވަތަ ޖާގައިގެ ނެތް އެފަދަ އެހެން މާލަމެއްގައި ބާއްވަމުން ގެންދާ ޝަރީޢަތުގެ އަޑުއެހުންތަކެއްގެ ގޮތުގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދި ދަންނަވަމެވެ،” ނާޒިމްގެ ޕީޖީއަށާއި ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
ނާޒިމްގެ ދައުވާ ހިންގާ މާލަމު ބަދަލުކުރަން ނުފެންނަ ކަމަށް ކޯޓުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ