ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާނީ ހެނދުނު 7:30 ގައި
ސެޕްޓެމްބަރު 7ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހެނދުނު 7:30 ގައި ފަށާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ. ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓުލީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް ވޯޓުލާން ފެށުން ބައިގަޑިއިރު އަވަސްކުރީ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ވޯޓު ކިޔޫ ކުޑަކުރުމަކީ ވެސް ގަޑި އަވަސް ކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރު ވެސް ހަވީރު ހަތަރެއް ޖަހާއިރު ވޯޓުލުން ބަންދުކުރާނެ އެވެ. "އިންތިހާބުގައި ގިނަ ފަހަރަށް ވޯޓު ފޮށި ކައިރީގައި ކިޔޫ ދިގުވާ ގޮތްވޭ. މިގޮތަށް ގަޑި އަވަސްކުރުމުން އެ ކިޔޫ ތަންކޮޅެއް ކުޑަވެފައި ވޯޓުލާން ފަސޭހަ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވިއިރު އިންތިހާބަށް ކުރިމަތިލެއްވީ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސް މުހައްމަދު ވަހީދާއި އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމުން މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ