އުމަރު އަލުން ޕީޕީއެމަށް، މައުމޫންގެ ހޫނު މަރުހަބާއެއް

ހޯމް މިނިސްޓަރު އުމަރު ނަސީރު އަލުން ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ. މީގެ ކުރިން ވެސް ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި، އުމަރު ޕީޕީއެމުން ވަކިކުރީ 2013 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އުމަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމަށް ސޮއިކުރެއްވީ މި މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. ކުރިން އެކުގައި މަސައްކަތް ކުރެއްވި މެމްބަރުންނާ އެކު މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް އުމަރު ޓުވީޓްގައި ވިދާޅުވެފައިވެ އެވެ. އުމަރުގެ ޓުވީޓާއެކު މައުމޫން ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އުމަރު ނަސީރަކީ އެ ޕާޓީ އަށް ލިބުނު ވަރުގަދަ ރައުސުލްމާލެއް ކަމަށް ޔަގީންކުރައްވާ ކަމަށެވެ. Warm welcome to Hon Umar Naseer on joining PPM. I'm confident that he will be a great asset to our party. — Maumoon Abdul Gayoom (@maumoonagayoom) September 7, 2015 މައުމޫންގެ ޓުވީޓް ޑީއާރުޕީ ދެބައިވެ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސް މައުމޫނާ އެކު، ޕީޕީއެމް އުފައްދަން ގިނަ މަސައްކަތްތަކެއް އުމަރު ކުރެއްވި އެވެ. އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އެވެ. ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އުމަރު ޕާޓީން ވަކިކުރީ، ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ، ވޯޓުގައި އޮޅުވާލުންތަކެއް ހުރެގެން ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ. . ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރު ތާއީދުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ. އެހެން ނަމަވެސް ދެވަނަ ބުރުގައި އުމަރުގެ ތާއީދު އޮތީ މިހާރުގެ ރައީސް ޔާމީނަށެވެ. އުމަރު ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ