ޖީއެމްއާރުގެ މައްސަލާގައި މައުމޫން އެއްޗެއް ވިދާޅުނުވާތީ ކަންބޮޑުވޭ: ގައުމީ ޕާޓީ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލަތަކާ ދޭތެރޭ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިހާތަނަށް އެއްޗެއް ވިދާޅުނުވާތީ ކަންބޮޑުވާ ކަމަށް ގައުމީ ޕާޓީން މިއަދު ބުނެފި އެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އަންނަ މަހުގެ 1 އިން ފެށިގެން 25 ޑޮލަރު ނެގުމަށް ޖީއެމްއާރުން ނިންމި ނިންމުމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމާ މެދު ވެސް މައުމޫން އެއްޗެއް ވިދާޅު ވެފައި ނެތް ކަމަށެވެ. އަދި ޖީއެމްއާރުގެ ކަންތައްތަކުގައި މިހާތަނަށް މައުމޫން އެއްޗެއް ވިދާޅުނުވާ ސަބަބާ މެދު ގައުމީ ޕާޓީން ވަނީ ސުވާލުތަކެއް އުފައްދައިފަ އެވެ. "މިކަމާ ރައީސް މައުމޫން އެއްޗެއް ވިދާޅުނުވަނީ، ޖީއެމްއާރަށް އެއާޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާ އެ މަނިކުފާނު ރުހިވަޑައިގަންނަވަނީތޯ އެވެ؟ ނުވަތަ ޖީއެމްއާރުން އެއާޕޯޓް ހިންގަން ފެށުމާ ހިސާބުން އެތައް ދިވެހިންގެ ވަޒީފާ ގެއްލި، ވަޒީފާގައި ތިބި ދިވެހިންގެ ވަޒީފާއާ މެދު ޔަގީންކަން ގެއްލުމާ މެދު އެ މަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވަނީތޯ އެވެ؟ އެއާޕޯޓުގެ ޑިއުޓީ ފްރީގެ ހިދުމަތްދޭ މެދު ފަންތީގެ ވިޔަފާރިވެރިން، ވިޔަފާރިން މަހުރޫމްވުމާ މެދު ކަންބޮޑުވެވަޑައި ނުގަންނަވަނީތޯ އެވެ؟ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 25 ޑޮލަރާއި ދެ ޑޮލަރުގެ އިންޝުއަރެންސް ޗާޖް ގާނޫނަކުން ބާރު ލިބިގެން މެނުވީ ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން ވެސް އެކަމާ އެއްޗެއް ވިދާޅުނުވަނީ ޖީއެމްއާރާ ދެކޮޅަށް އެއްޗެއް ވިދާޅުވާން އެ މަނިކުފާނު ޖެހިލުންވެވަޑައިގަންނަވަނީތޯ އެވެ؟،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން ޖީއެމްއާރާ ގުޅޭ ކަންތައްތަކުގައި މައުމޫން އެއްޗެއް ވިދާޅުނުވަނީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ބޭސްފަރުވާ އާއި އެހެނިހެން ބޭނުންތަކަށް ގިނަގިނައިން އިންޑިއާ އަށް ވަޑައިގަންނަވާތީ، ޖީއެމްއާރާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެއްޖެނަމަ، އިންޑިއާ އަށް ކުރައްވާ ދަތުރުތަކަށް އެ ގައުމުގެ ސަރުކާރުން ވީއައިޕީގެ ހިދުމަތް ފަދަ ހިދުމަތްތައް ލިބިވަޑައިނުގެންފާނެ ކަމަށް މައުމޫން ގަބޫލު ކުރައްވަނީތޯ ވެސް ގައުމީ ޕާޓީން ވަނީ ސުވާލުކޮށްފަ އެވެ. "ނުވަތަ އެ މަނިކުފާނުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިތަކަށް ޖީއެމްއާރު މެދުވެރިކޮށް ނުވަތަ ޖީއެމްއާރަށް މަސައްކަތް ކޮށްދީގެން ލިބޭ ނުވަތަ ލިބިދާނެ މާލީ އަދި ވިޔަފާރީގެ މަންފާއަކުން މަހުރޫމް ވެދާނެތީ ތޯ އެވެ،" ގައުމީ ޕާޓީން ބުންޏެވެ. "ކޮންމެ ސަބަބަކާ ހުރެ ކަމުގައި ވިޔަސް ޖީއެމްއާރު މައްސަލާގައި މަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުނުވެ ހިމޭނުން ހުންނަވާ ހުންނެވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެހެންކަމުން ޖީއެމްއާރުން އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ގާނޫނާ ހިލާފަށް ނަގަން މަސައްކަތްކުރާ 25 ޑޮލަރާއި ދެ ޑޮލަރުގެ އިންޝުއަރެންސް ޗާޖް ނެގުން ކުށްވެރިކުރުމަށާއި އެއާޕޯޓް ޖީއެމްއާރު ކުންފުންޏަށް ދިގު މުއްދަތަކަށް ދިންދިނުން ކުށްވެރިކުރުމަށް ރައީސް މައުމޫނަށް ގޮވާލަމެވެ." ގައުމީ ޕާޓީގެ ބަޔާނުގައި ޕީޕީއެމަށް ނިސްބަތްކޮށް ބުނެފައި ވަނީ، އެއާޕޯޓް ކުއްޔަށް ދިނުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންތައްތަކުން، ރައްޔިތުން "މިންޖުކުރުމަށް" ހަމައެކަނި "އަޑުގަދަކުރުން" ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ޕީޕީއެމް އަކީ "ބައިގަނޑެއް" ކަމަށް ގައުމީ ޕާޓީން ވަނީ ބުނެފަ އެވެ. "މި މީހުން އުފެއްދި ޕާޓީ ކަމުނުދިޔައީ ވެސް ޖީއެމްއާރު މައްސަލާގައި މަސައްކަތް ނުކުރެވޭ ކަމަށް ބުނެ އެވެ. ނަމަވެސް މަހަކު އެއްފަހަރު މީހުން އެއްކޮށްފައި އެއާޕޯޓް މައްސަލާގައި މަސައްކަތް ކުރާނަމޭ ބުނުން ފިޔަވައި މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ،" ޕީޕީއެމަށް އިޝާރާތްކޮށް ގައުމީ ޕާޓީން ބުންޏެވެ. ފަހަކަށް އައިސް ގައުމީ ޕާޓީ އާއި ޕީޕީއެމްއާ ދެމެދު ޖަލްސާތަކުގަ އާއި މީޑިއާގައި ދަނީ ބަހުގެ ހަމަލަތަކެއް ބަދަލުކުރަމުންނެވެ. ގައުމީ ޕާޓީން ބުނީ ޖީއެމްއާރުގެ މައްސަލާގައި އެ ޕާޓީން ދަނީ ފެށުނީއްސުރެ، ކެތްތެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް އެ ޕާޓީން ބުނެ އެވެ. "އަދި މުސްތަގުބަލުގައި ވެސް އެއްވެސް ފަސްޖެހުމެއް ނެތި ހިކުމަތްތެރިކަމާއެކު ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި ދިވެހި ގައުމީ ޕާޓީ އިން ދެމިތިބޭނެ އެވެ،" ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ