ހުޅުމާލޭން ކަރަންޓު ކެނޑުނީ ލޯޑު ބޮޑުވެގެން، މިހާރު ހައްލުކޮށްފިން: ސްޓެލްކޯ

މިދިޔަ ބުދަ ދުވަހުން ފެށިގެން ހުޅުމާލެއިން ކަރަންޓު ކެނޑުނީ ލޯޑު ބޮޑުވުމުގެ ސަބަބުން އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި ނަމަވެސް މިހާރު އެކަން ހައްލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ. އެ ތަނުން ބުނިގޮތުގައި ބޭނުން ކުރާ ކަރަންޓުގެ ނިސްބަތް މަތިވެ، ލޯޑު މައްޗަށް ދާއިރު ވެސް ނިއްވާނުލައި ހިންގަން ޖެހޭތީ އިންޖީނަށް މައްސަލަ ޖެހެ އެވެ. ގާތްގަނޑަކަށް 30،000 މީހުން ދިރިއުޅޭ ހުޅުމާލޭގައި ދިމާވީ އެ މައްސަލަ ކަމަށާއި އެކަމަކު ރޭ އެ އިންޖީނު މަރާމާތުކޮށްފައި އަލުން ކަރަންޓު ދޫކޮށްފައިވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. "ދެން އިރާދަކުރެއްވިއްޔާ ހުޅުމާލޭން ކަރަންޓެއް ނުދާނެ،" އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އިތުރަށް ކުރިމަތިވިޔަ ނުދިނުމަށް ހުޅުމާލެއަށް އިތުރު އިންޖީނެއް ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެ މަސައްކަތް ލަސްވަނީ، ޖަނަރޭޓަރު ފަދަ ބޮޑެތި އެއްޗެހި އުފުލޭނެ އުޅަނދެއް ނުލިބިގެން ކަމަށެވެ. މި ރޯދަ މަހުގެ ތެރޭގައި ހުޅުމާލޭން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑައިގެން ދާތީ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ