ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރީގެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އާލީ ޖަލީލު މައްޗަށް ކުރާ ދައުވާއަށް ހަތަރު ކަމެއް ފާހަގަކޮށް އެދައުވާއަށް ކަނޑައެޅިގެން އިންކާރު ކުރައްވާކަމަށް ވިދާލުވެއްޖެއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބޭއްވި އެމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މޫސާ އަލީ ޖަލީލު ވިދާޅުވީ ދައުވާއަށް ކަނޑައެޅިގެން އިންކާރު ކުރާކަމަށާއި، އޭނާ އަބްދުﷲ ގާޒީ ހައްޔަރު ނުކުރާ ކަމަށާއި، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އޭނާގެ ދަށުން މަސައްކަތްކުރާ އެއްވެސް މީހަކަށް އަމުރެއްކޮށްފައި ނުވާނެ ކަމަށާއި އަދި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ބަހައްޓާފައިވާ ދުވަސްވަރުވެސް އޭނާގެ ދަށުން މަސައްކަތްކުރި އެއްވެސް މީހަކަށް އެމައްސަލާގައި އެއްވެސް އަމުރެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޕީޖީގެ ގާނޫނީ ވަކީލު މިއަދުގެ އަޑުއެހުމަގައި ދައުވާ އިއްވާދެއްވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައިވާތީ، ގަސްތުގައި ކުށްނުކުރާ މީހަކު ހިފާހައްޔަރު ކޮށްފައިވާތީ ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން މުސާ އަލީ ޖަލީލު ކުށްވެރިވާ ކަމަށެވެ.
ދައުލަތުގެ އެދައުވާއަށް މޫސާ އަލީ ޖަލީލު އިންކާރު ކުރެއްވުމަށްފަހު މޫސާ އަލީ ޖަލީލުގެ ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ މިމައްސަލާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާތީ އިޖުރާއީ ގޮތުން ފާހަގަ ކުރެވޭ ދެ ނުކުތާ އެބައޮތްކަމަށެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ފުރަތަމަ އިޖުރާއީ ނުކުތާއަކީ ހުޅުމާލެ ކޯޓަށް މިމައްސަލަ ހުށަހަޅާފައިވާތީ ނަގާ އިޖުރާއީ ނުކުތާއެއް ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ މި ޖިނާއީ މައްސަލާގައި އަނިޔާ ލިބުނުކަމަށް ބުނާ ފަރާތަކީ މާލޭގައި ދިރިއުޅޭ ބޭފުޅެއް ކަމަށާއި އަދި ދައުވާ ލިބޭ ފަރާތަކީ މާލެ ބޭފުޅެއް ކަމަށާއި އަދި ދިރިއުޅެނީވެސް މާލޭގައި ކަމުން އެމައްސަލަ ހުޅުމާލެ ކޯޓަށް ހުށަހެޅޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ. އަދި ހުޅުމާލެ ކޯޓަށް އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅޭ މައްސަލަތައް ޕީޖީން ހުށަހެޅުމުން ހައިކޯޓުން ނިންމާފައިވަނީ ހުޅުމާލެއަކީ މާލެ ދައިރާގައި ހިމެނޭ ބައެއްނަމަވެސް ހުޅުމާލެއަކީ ވަކި ރަށެއްގޮތުގައިވާތީ ހުޅުމާލެ މީހުންނަށް ފަސޭހައިން ކޯޓަކުން ހިދުމަތް ދިނުމަށް ހަދާފައިވާ ކޯޓެއް ކަމަށާއި އަދި އެއީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމާއިއެކު އިންސާފު ގާއިމުކުރުމަށް ބުނެފައިވާތީ ހުޅުމާލެ ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށެވެ. ގަނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ މިމައްސަލާގައި ދައުވާ ރައްދުވާ ފަރާތަށްވެސް އެބޭފުޅާ ހިމެނޭ ދާއިރާގެ ކޯޓަށް ނުވަތަ މޫސާ އަލީ ޖަލީލު އަކީ މާލޭ ބޭފުޅަކަށް ވީމަ މާލޭގެ ކޯޓަކަށް މިމައްސަލަ ހުށަހައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ދެވަނަ އިޖުރާއީ ނުކުތާއަކަށް ގާނޫނީ ވަކީލު އަލީހުސައިން ވެސް ނެންގެވީ މިހާރު އެންމެ ބޮޑަށް ވާހަކަދެކެވޭ ހުޅުމާލެ ކޯޓުގެ ބެންޗާ ބެހޭގޮތުންނެވެ. އަލީ ހުސައިން ވިދާޅުވީ ހުޅުމާލެ ކޯޓުގެ ބެންޗު ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުޅުމާލެ ކޯޓުގެ ބެންޗު ކަނޑައެޅުމުގެ ބާރު ލިބިގެން ނުވާކަމަށައި އަދި އެއްވެސް ކޯޓެއްގެ ބެންޗެއް ޖޭއެސްސީއަށް ކަނޑަނޭޅޭނެކަމަށެވެ. އަދި އެއްވެސް ގާނޫނެއްގައި ޖޭއެސްސީއަށް ބެންޗެއް ކަނޑައެޅުމުގެ ބާރު ލިބިގެންނުވާ ކަމަށެވެ.
ފަސްމިނެޓްގެ ބްރޭކަކަށްފަހު ހުޅުމާލެ ކޯޓުގެ ފަނޑިޔާރު ވިދާޅުވީ ނެންގެވި އިޖުރާއީ ދެ ނުކުތާއަކީވެސް މިމައްސަލަ ކުރިއަށް ނުގެންދެވޭވަރުގެ ދެ އިޖުރާއީ ނުކުތާއެއް ނޫންކަމަށެވެ. ހުޅުމާލެ ކޯޓުން މިމައްސަލަ ބޭލޭނެ ކަމަށެވެ. އަދި ހުޅުމާލެ ކޯޓުގެ ބެންޗަކީ ސައްހަ ބެންޗެއްތޯ ނުވަތަ ސައްހަ ބެންޗެއް ނޫންތޯވެސް އެއްވެސް ކޯޓަކުން ނިންމާފައި ނުވާކަމަށެވެ. އެހެންކަމުން މިމައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރު ވިދާޅުވީ ދައުލަތުން ހުށަހަޅާ ހެކި ހުށަހެޅުމަށެވެ. ދައުލަތުން މޫސާ އަލީ ޖަލީލުއާ ދެކޮޅަށް 20 ހެއްކެއް ހުށަހަޅާފައިވެއެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ލިޔެކިޔުންތައް ދިރާސާ ކުރުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދޭކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެއްމަސްދުވަސް ދެވެންނެތްކަމަށާއި 23 ދުވަސް ފަހުން މިމައްސަލާގެ އަޑުއެހުން އޮންނާނެ ކަމަށެވެ.
މޫސާ އަލީ ޖަލީލު ހަތަރު ކަމެއް ފާހަގަ ކުރައްވާ ދައުވާއަށް އިންކާރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ