މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފެއް ނޫން: ސުޕްރީމް ކޯޓް
ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކަށް، މާލިއްޔާތު ގާނޫނަށް ގެނައި ބައެއް އިސްލާހުތަކުން ސީދާ ގޮތެއްގައި އުނިކަން ލިބޭ ކަމަށް ބުނެ ދައުލަތުން 2010 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ދައުލަތާ ދެކޮޅަށް ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއާޕޯޓް ޖީއެމްއާރަށް ދިނުމާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާ އެކި ފަރާތްތަކަށް ވިއްކުން ފަދަ މުއާމަލާތްތައް ހިންގަމުން ދަނިކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ މާލިއްޔަތު ގާނޫނުގެ ހަތަރު މާއްދާއަކަށް އޭރު ވަނީ އިސްލާހު ގެނެސްފަ އެވެ. ދައުލަތުން ބުނީ ގާނޫނަށް ގެނައި އިސްލާހުތައް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށާއި އެއީ ބާތިލް މާއްދާތަކެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ. ބަންޑާރަ ނާއިބުގެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފަސް ވަނަ މާއްދާ އާއި 7 ވަނަ މާއްދާގެ (ހ) އާއި 10 ވަނަ މާއްދާގެ (ހ) އަދި 34 ވަނަ މާއްދާ ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅިތާ ދޮޅު އަހަރު ފަހުން ސުޕްރީމް ކޯޓުން ހުކުމް ކުރީ އެ އިސްލާހުތައް ގާނޫނު އަސާސީއާ ހިލާފު ނުވާ ކަމަށެވެ. ދައުލަތުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކުން އެއްވެސް ލޯނެއް ނަގަންވާނީ ނުވަތަ ދަރަންޏަށް ފައިސާ ނަގަންވާނީ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ފަސް ވަނަ މާއްދާގައި ބުނާއިރު ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ އިމުން ބޭރުވެފައިވާ މާއްދާއެއް ކަމަށެވެ. އަދި ކުންފުނިތަކަކީ ގާނޫނީ ގޮތުން ވަކި ޝަހުސަކަށް ވާއިރު ލޯނު ނެގުމުގެ ހުއްދައަށް ކޮންމެ ފަހަރަކު ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި އެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ މައްޗަށް ރައްޔިތުން ތަމްސީލުކުރާ ޕާލިމެންޓުގެ ވިލާޔަތާއި ބެލެނިވެރިކަން އޮތުމަކީ މިޒަމާނުގެ އެންމެހާ ދިމިގްރާތީ ނިޒާމްތަކުގައި އިސްތިގުރާރު ވެފައިވާ އާންމު މަބްދައެއް ކަމަށެވެ. އެގޮތުން މާލީ ފަންކްޝަންތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި މާލީ ހިސާބުތައް ފާސްކުރުމާއި ޓެކްސްތަކާއި ފީތައް ކަނޑައެޅުމާއި ދައުލަތުން ނަގާ އާންމު ލޯނުތަކާއި ދައުލަތުގެ ހަޒާނާއިން ހަރަދުކުރަން ޖެހިދާނެ ފަދަ މާލީ ކޮމިޓްމެންޓުތަކަށް އެއްބަސްވުމާއި ދައުލަތުގެ މިލްކުގައި ހިމެނޭ ތަކެތި ހިލޭ ދޫކޮށްލުމާއި ދައުލަތުގެ މިލްކުގައި ހިމެނޭ ތަންތަން "އިމްތިޔާޒު" ނުވަތަ "ކޮންސެޝަން" އުސޫލުން ހިންގަން ދިނުމަށް އެއްބަސްވުމާއި ދައުލަތުގެ ހަޒާނާ އިން މީހުންނަށް މުސާރަ ދިނުމާއި ބަދަލު ދިނުމާއި ޕެންޝަން ފަދަ މާލީ ކަންތައް ތަންޒީމުކުރުން ހިމެނޭކަން އެނގެން އެބަ އޮތް ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނު އަސާސީގެ 97،96 އަދި 250 ވަނަ މާއްދާގައި މި ކަންކަން ޖުމުލަ ގޮތެއްގައި ޝާމިލުވެގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ. ލޯނު ހަރަދު ފައިސާ ބަޖެޓުގައި އޮންނަން ވާނެ ކަމަށް މާލިއްޔަތު ގާނޫނުގައި ބުނާއިރު ދައުލަތުގެ ބަޖެޓް ހަދަނީ ކޮންމެ އަހަރަކަށް ކުރިން ކަމަށާއި ކުންފުނިތަކުގެ ހަރަދު ބަޖެޓުގައި ނޯންނާނެތީ އެއީ ވެސް ހަމަޖެހޭ މާއްދާއެއް ނޫން ކަމަށް ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ބުންޏެވެ. ދައުލަތުން ބުނެފައި ވަނީ ދައުލަތުގެ ކުންފުނިތަކަކީ ކޮބައިކަން ސާފުކޮން އެނގެން ނެތް ކަމަށާއި ލޯނު ނެގުމުގެ ކަންކަމުގައި މަޖިލީހުން ސަރުކާރު ޒިންމާދާރުކުރުވާނެ ގޮތެއް ވެސް ބުނެފައި ނެތް ކަމަށެވެ. އަދި ލޯނެއް ނެގުމުގައި ސަރުކާރަކީ ގެރެންޓީ ދޭ ފަރާތް ކަމުގައި ނުވާ ނަމަ ކުންފުންޏަކުން ނަގާ ލޯނަކާ ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި އެއީ ސަރުކާރުން ނަގާ ލޯނެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނީ ދައުލަތުގެ ފައިސާ ހޭދަކުރުމާއި ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ނެގުމާއި ލޯނުގެ ގޮތުގައި ނުވަތަ އެ ނޫންވެސް ގޮތަކުން މުދަލާއި ފައިސާ ހޯދުމާއި ގަބޫލުކުރުމާއި ދަރަނި އަދާކުރާނެ ކަމުގެ ޔަގީންކަން ދައުލަތުގެ ނަމުގައި ދިނުމާއި މިއިން ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ މަތިން މެނުވީ ވެރިކަން ހިންގާ ފަރާތުން ކޮށްގެން ނުވާނެކަން ގާނޫނުއަސާސީގެ 97 ވަނަ މާއްދާގައި ސަރީހަ ނައްސުގައި ބަޔާންވެގެންވާ ކަމަށެވެ. އަދި ދައުލަތުގެ އެއްޗެއް އެއްވެސް ފަރާތަކަށް ދީ، ވިއްކައި، ކުއްޔަށް ދީ ނުވަތަ ދޫކޮށްލަން ވާނީ ނުވަތަ ރަހުނުކުރަން ވާނީ ނުވަތަ ނައްތާލައި މިފަދަ ކަމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިންކަން ގާނޫނު އަސާސީގެ 250 ވަނަ މާއްދާ އިން ސާފުކޮށް އެނގޭ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން ބުނީ ދައުލަތުގެ ކުންފުނި ކަމަށް ބަލާނީ ކޮން ސިފަތަކެއް ހުރި ކުންފުންޏެއްކަން އެއް ގާނޫނަކުން ސާފުނުވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެ ގާނޫނުގެ ދުސްތޫރިއްޔަތުތަކާ މެދު ސުވާލު އުފެދެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ފައިސާގެ އެއްވެސް އެހީއެއް ދިވެހި ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތަކަށް ނުވަތަ ވަކި ފަންތިއެއްގެ ރައްޔިތުންތަކަކަށް ނުވަތަ ވަކި ހާއްސަ ހާލަތެއް ދިމާވެފައިވާ ރައްޔިތުންގެ ބަޔަކަށް ދޭންވާނީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށް މާލިއްޔަތު ގާނޫނުގައި ބުނާތީ ދައުލަތުން ބުނީ މިހާރު ސަރުކާރުން ދެމުން ގެންދާ ސަބްސިޑީ އާއި އެކި އިނާޔަތްތަކުގެ މައްޗަށް އެތައް ބަޔަކު ބަރޯސާ ވެފައި ވާއިރު ދެން އެ އެހީތައް ހުއްޓާލުމުން އެތައް ބައެއްގެ ހައްގުތައް ގެއްލޭނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި އެ އެހީތައް ދެމުން ގެންދާނީ ގާނޫނެއްގެ ދަށުން ކަމަށް ބުނާއިރު އެފަދަ ގާނޫނެއް ވެސް އަދި ނެތް ކަމަށާއި ގާނޫނެއް ފާސްވާނެ ދުވަހެއް ވެސް އަދި ނޭނގޭކަން ފާހަގަކުރި އެވެ. މީގެ އިތުރުން އެހީއެއް ދޭންޖެހޭ ކޮންމެ ފަހަރަކު މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރުމަކީ އަސާސީ ހައްގުތައް ފުރިހަމަ އަށް ދެމުން ގެންދިއުމަށް ދަތިވާނެ ކަމެއްކަން ވެސް ފާހަގަކުރި އެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހަކީ އަސާސީ ހައްގުތަކާ ގުޅޭ އެހީތަކާއި ސަބްސިޑީޒް މަޖިލީހުން ފާސްކުރާ ބަޖެޓްގައި ހިމަނައިގެން ދިނުމަށް އެރޭ ހުރަހެއް ނޫން ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. ގާނޫނަކާ ހިލާފް ނުވާ ގޮތުގެ މަތިން ޓޫރިސްޓް ރިސޯޓް ހިންގުމަށާއި މަސްވެރިކަމަށާއި ދަނޑުވެރިކަމަށާއި އެ ނޫން ވެސް އިގްތިސާދީ އަދި އިޖުތިމާއީ މަސައްކަތްކުރުމަށް ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ރަށްތަކާއި ބިންބިމާއި އިމާރާތް ފަދަ ތަންތަނާ ގުޅޭ ހައްގުތައް ރަހުނުކުރުން ފަދަ ކަންތައް ކުރުމަށް ސަރުކާރުން އިތުރު ހުއްދައެއް ނަގަން ނުޖެހޭ ގޮތަށް މާލިއްޔަތު ގާނޫނުގައި އިހްތިޔާރު ދީފައި ވާތީ އެއީ ވެސް ސަރުކާރަށް އޮތް ރިސްކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ބަޖެޓުން ހަރަދުކުރުމުގައި ބަޖެޓް ކޮމިޓީގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް އަމަލުކުރުން ލާޒިމުވާ ކަމަށް މާލިއްޔަތު ގާނޫނުގައި އޮންނަ މާއްދާ ވެސް ބާތިލު ކަމުގައި ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނެވެ. މި ހުރިހާ ކަމަކަށް ބަލާއިރު މާލިއްޔަތު ގާނޫނުގެ އިސްލާހުތަކުން އަސާސީ ހައްގުތަކަށް ސީދާ ގޮތުން އުނިކަން ލިބޭ ކަމަށާއި އެހެންވެ އެއީ ބާތިލް މާއްދާތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ބަންޑާރަ ނާއިބު އޮފީހުން އެދުނެވެ. ރައީސް ތަސްދީގުކުރުން ލާޒިމްވާ ގޮތަށް ފާސްކުރި މާލިއްޔަތުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މުހަންމަދު ނަޝީދު ތަސްދީގުކުރެއްވީ ޑިސެމްބަރު ،13 2010 ގަ އެވެ. އެ ބިލް ރައީސް ތަސްދީގުކުރެއްވީ، އިންސާނީ ބާރު ނުފޯރާ ފަދަ، އިހްތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްވެގެން ފޮނުވާ ބިލުތައް ލަސްކުރުމަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނެ ކަމަށް ސުޕްރީމް ކޯޓުން ޑިސެމްބަރު ،9 2010 ގައި ހުކުމް ކުރުމުންނެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ވެސް ދައުލަތުން މިހާރު ދޭ ސަބްސިޑީ ފަދަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ