ނިލަންދޫ ދާއިރާގެ މެމްބަރު މުހްސިނަށް އަނެއްކާވެސް ވޯޓެއް މަދުވެއްޖެ

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ނިލަންދޫ ދާއިރާގެ ވޯޓުގެ ނަތީޖާގައި މައްސަލަ ހުރި ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ދާއިރާގެ ވޯޓުފޮށިތައް މިހާރު ގުނަމުން އަންނައިރު، އެންމެ ވޯޓަކުން ބަލިވެފައިވާ އަބްދުލް މުހްސިން (ޖޭފޯ) އަށް އަނެއްކާވެސް ވޯޓެއް މަދުވެއްޖެ އެވެ. އެ ދާއިރާގެ 50 ވޯޓު ފޮށި ހުރިއިރު އެ ހުރިހާ ފޮށިތައް އަލުން ގުނައި ނިމޭނީ މިރޭ އިރާކޮޅު ކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކުރެ އެވެ. ނިލަންދޫ ދާއިރާގެ ވޯޓު ފޮށިތައް އިލެކްޝަންސްގެ އޮފިޝަލުން ގުނަނީ. --ހަވީރު ފޮޓޯ: ފަޒީނާ އަހުމަދު ނިލަންދޫ ދާއިރާ އަށް ފަސް ކެންޑިޑޭޓަކު ވާދަކުރެއްވިއިރު އެންމެ ވޯޓެއްގެ ތަފާތަކުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިނިވަން ކެންޑިޑޭޓް އަބްދުﷲ ހަލީލެވެ. މުހުސިނަކީ ހަލީލުގެ ބޮޑުބޭބެ އެވެ. ހަލީލް އެ ގޮނޑި ކާމިޔާބުކުރެއްވީ މުހުސިންއާ ވާދަކޮށް، 645 ވޯޓުންނެވެ. މުހުސިނަށް ލިބިވަޑައިގަތީ 644 ވޯޓެވެ. މުހްސިން ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން، ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި މިހާރު އަންނަނީ އެ ދާއިރާގެ 50 ވޯޓު ފޮށި ގުނަމުންނެވެ. މެންދުރު 2:00 އިން ފެށިގެން 4:00 އާ ހަމައަށް ބައެއް ވޯޓު ފޮށިތައް ގުނާފައިވާއިރު، މާލޭގައި ބެހެއްޓި އެ ދާއިރާގެ ފޮއްޓަކުން މުހްސިނަށް ވަނީ އެއް ވޯޓު މަދުވެފަ އެވެ. އެހެންކަމުން އޭނާ އަށް ލިބުނު ޖުމްލަ ވޯޓު 643 އަށް ބަދަލުވެ ހަލީލަށް އެއް ވޯޓު އިތުރުވުމާ އެކު އޭނާ އަށް ވަނީ 646 ވޯޓު ލިބިފަ އެވެ. އެއީ މުހުސިނަށް ވުރެ ތިން ވޯޓުގެ އިތުރުވުމެކެވެ. މުހްސިން ވިދާޅުވީ ބައެއް ވޯޓުތަކުގެ ނަތީޖާގައި އަދިވެސް މައްސަލަ އުޅޭ ކަމަށެވެ. އެގޮތުން ބައެއް ވޯޓުތަކަކީ ސައްހަ ވޯޓުގެ ގޮތުގައި، ވޯޓުފޮށީގެ ވެރިޔާ ނިންމެވި ނަމަވެސް ގަބޫލު ނުކުރެއްވޭ ވޯޓުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓު އަލުން ގުނުމަށް ފަހު، ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް މުހުސިން ވިދާޅުވި އެވެ. ނިލަންދޫ ދާއިރާގެ ވޯޓު ފޮށިތައް އިލެކްޝަންސްގެ އޮފިޝަލުން ގުނަނީ. --ހަވީރު ފޮޓޯ: ފަޒީނާ އަހުމަދު ހަލީލް ވިދާޅުވި ގޮތުގައި ނިލަންދޫ ދާއިރާގެ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް އިލެކްޝަނުން ސާފުކޮށްދީފައެއް ނުވެ އެވެ. އެހެން ނަމަވެސް އިލެކްޝަނަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި ނަތީޖާއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ހަލީލް ވިދާޅުވި ގޮތުގައި ވޯޓު ގުނުމުން، އޭނާ އަށް އެއް ވޯޓު އިތުރުވުމަކީ ރަނގަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ