މުހައްމަދު ޖުނައިދު
އެމްޑީޕީގެ "ނުފޫޒުގަދަ ހުރަހެއް" ކުރިމަތިވާ ކަމަށް ބުނެ، އެމްޑީޕީގެ ޕާލިއަމަންޓަރީ ގުރޫޕްގެ އިންތިހާބުގައި ނައިބު ރައީސަކަށް ކުރިމަތިލައްވާފައިވާ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމްވެސް ނަން އަނބުރާ ގެންދަވައިފިއެވެ.
އަބްދުﷲ އަބްދުއްރަހީމްގެ އިތުރުން، އެމްޑީޕީގެ ޕާލިއަމަންޓަރީ ގުރޫޕްގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ އިންތިހާބުން ވަކިވެފައެވެ. ކާނަލް ނަޝީދުވެސް ނަން އަނބުރާ ގެންދަވަމުން ވިދާޅުވެފައިވަނީ ނުފޫޒު ގަދަ ބައެއްގެ ނުފޫޒު އިންތިހާބަށް ފޯރާނެތީވެ ނަން އަނބުރާ ގެންދެވީ ކަމަށެވެ.
އަބްދުﷲ އަބްދުއްރަހީމް ބައެއް މީޑީއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ނަން އަނބުރާ ގެންދިޔަ އެއް ސަބަބަކީ އިންތިހާބު ލަސްކުރުން ކަމަށެވެ.
ކާނަލް ނަޝީދާއި، އަބްދުﷲ އަބްދުއްރަހީމް އިންތިހާބުން ވަކިވުމުން، މިހާރު އެމްޑީޕީގެ ޕީޖީގެ ނައިބު ރައީސަކަށް ކުރިމަތިލައްވައިގެން ތިއްބެވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ކާނަލް ނަޝީދުވެސް ވަނީ އިންތިހާބުން ނަން އަނބުރާ ގެންދިއުމުގެ ކުރިން އެމްޑީޕީގެ ޕާލިއަމަންޓަރީ ގުރޫޕްގެ ތެރޭގައި ތަފާތު ހިޔާލުތަކަށް ފުރުސަތު ނޯންނަ ކަމަށް ތުހުމަތުކުރަށްވާ، އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ.
ކާނަލްއަށް ފަހު "ނުފޫޒުގަދަ ހުރަހެއް" ކުރިމަތިވާ ކަމަށް ބުނެ އަބްދުﷲ އަބްދުއްރަހީމްވެސް ނަން އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ