ސަރަހައްދުގެ ރައްޔިތުން އުއްމީދުކުރާވަރުގެ ސްޕީޑެއް ހޯދަން ސާކް ވަނީ ފޭލްވެފައި: މޯދީ

ކަތުމަންޑޫ (ނޮވެމްބަރު 26) - ސަރަހައްދުގެ ރައްޔިތުން އުއްމީދު ކުރާވަރުގެ ސްޕީޑެއްގައި ދަތުރު ކުރުމަށް ސާކު ނުކުޅެދިފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ. އަށާރަ ވަނަ ސާކް ސަމިޓް ހުޅުވުމުގެ ގޮތުން ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ މި ސަރަހައްދަކީ އެއްގަމު އަނެއް ގައުމު މިހާރަށް ވުރެ ބޮޑަށް ގުޅިލާމެހި، އިންފްރާސްޓްރަކްޗާ ތަރައްގީވެ، ވިޔަފާރި ފުޅާވެ، ވިސާ އަށް ލުއިތައް ލިބި އަދި ހުރިހާ ގައުމެއްގެ ފަސޭހައަށް ޓަކައި ޖައްވީ ޓެކްނޮލޮޖީ ބޭނުން ކުރާ ސަރަހައްދަކަށް ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ހާމަކުރައްވައިފަ އެވެ. "އިންޑިއާގެ ކުންފުނިތަކުން ބޭރު ގައުމުތަކުގައި ދަނީ ބިލިއަން ޑޮލަރުން އިންވެސްޓް ކުރަމުން. އެކަމަކު އޭގެ އެއް ޕަސެންޓް ފައިދާ ވެސް މި ސަރަހައްދަކަށް ނުކުރޭ. އަޅުގަނޑުމެން ދިރިއުޅޭ ސަރަހައްދުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި އުނދަގޫތައް އެބަހުރި،" މޯދީގެ 24 މިނިޓުގެ ތަގްރީރުގައި ވިދާޅުވި އެވެ. އިންޑިއާ އިން ސާކުގެ ފަސް ގައުމަކަށް ޑިއުޓީ ފްރީކޮށްފައިވާ އިރު ވޭތުވެދިޔަ އަހަރުތަކުގައި ސާކުގެ ގައުމުތަކަށް އަށް ބިލިއަން ޑޮލަރުގެ އެހީ އިންޑިއާ އިން ދީފައިވާކަން މޯދީ ފާހަގަކުރެއްވި އެވެ. ސާކުގެ ވިޔަފާރި ކުރިއެރުވުމަށް ބިޒިނަސް ޓްރޭވަލާ ކާޑެއް ތައާރަފްކޮށް، ބަލިތަކުގައި ފަރުވާ ހޯދަންދާ މީހުންނަށް ފަސޭހަ އިން ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އިންޑިއާ އިން ވަނީ ނިންމައިފަ އެވެ. ސާކުގެ މެންބަރު ގައުމުތަކަށް ތައުލީމާއި ޓެލެމެޑިސިން، މޫސުމީ އަދި ގުދުރަތީ ހާދިސާތަކާ ބެހޭ މައުލޫމާތު ފަސޭހަ އިން ލިބޭނެ ގޮތަށް 2016 ވަނަ އަހަރު ސެޓެލައިޓެއްގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވި އެވެ. ދެހާސް އަށް ވަނަ އަހަރު މުމްބީ އަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ މަތިން ހަނދާން އާ ކުރައްވަމުން މޯދީ ވަނީ ޓެރަރިޒަމާ ދެކޮޅަށް މުޅި ސަރަހައްދުން ވެސް މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ